ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކޮށް، އުފެއްދުންތައް ތައްޔާރުކުރަން ބޭނުންކުރާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
މިކަން އިއުލ؛ާން ކުރެއްވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ނިންމެވުންތަކަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހިއްސާ އިތުރުކޮށް، އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ކަނޑައެޅި މައިގަނޑު ތިން ލުޔެކެވެ. މީގެ ތެރޭގައި ޓެކްސް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުންވެސް ހިމެނެއެވެ.
ސަރުކާރުން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި، ސަރުކާރުގެ މަސައްކަތެއްކޮށް ފައިސާ ނުލިބިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް، ސަރުކާރުން ދޭންޖެހޭ ފައިސާއިން އޮފްސެޓް ކުރެވޭނެ (އަޅާކެނޑޭނެ) އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މީގެއިތުރުން، ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށްޓަކައި ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތިންވަނަ ލުޔެއްގެ ގޮތުން، އެމްއެސްއެމްއީ ސެކްޓަރުގެ ވިޔަފާރިތަކުން އުފެއްދުންތައް ތައްޔާރުކުރުމަށް ރާއްޖެއަށް އިންޕޯޓްކުރާ ރޯ-މެޓީރިއަލްސް ނުވަތަ ތަކެތީގެ ފުރިހަމަ ލިސްޓެއް ހަދައި، އެ ލިސްޓުގައިވާ ބާވަތްތަކުން 1 ޖަނަވަރީ 2027 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަށް ސީރޯ އިންސައްތައިގެ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާގޮތަށް ވަނީ ނިންމާފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގެ ޖީޑީޕީގައި އުފެއްދުންތެރިކަމުގެ ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މީގެ ކުރިންވެސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބިދޭސީންގެ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނެސްފައެވެ.




