ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯ ވިއްސާރަވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭހެވޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ.
އަދި ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެ ތަރެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން މި ގޮތަށް އިލްތިމާސް ކޮށްފައިވާއިރު ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މުދަލަށް ލިބިދާނެ ގެއްލުމަށް ސަމާލުވުމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން މިއަދު ވަނީ ސަމާލުވާން ޖެހޭ ކަންކަމުގެ ލިސްޓެއް ވެސް ނެރެފައެވެ.
އެގޮތުން ފެން ނުވަންނާނެހެން ގޭގޭގެ ދޮރުމަތީ ވެލިބަސްތާތައް ޖަހައި އަދި ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ތަކެތި ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެން ނުފޯރާ ފަދަ ތަންތަނަށް ބަދަލުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެހެންމެ ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރިއެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކުން ހޯދަން ވެސް އެމްޑީއެމްއޭއިން އިލްތިމާސްކުރިއެެވެ.




