އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް މާލީ ވުޒާރާއާއެކު އިއްޔެ ބާއްވައިފިއެވެ.
މާލީ ވުޒާރާގެ އިސްވެރިންނަށް އަމާޒުކޮށްގެން ބޭއްވި މި މަޢުލޫމާތު ސެޝަނުގައި، “ރެސްޕެކްޓް ކެމްޕެއިން”ގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައިވެއެވެ. އަދި މި ޚާއްޞަ ޤައުމީ ކެމްޕެއިނުގެ ލަނޑުދަނޑިތަކަށް އެ ވުޒާރާގެ އިސްވެރިން އަހުލުވެރިކުރުމުގެ ކަންކަން ވެސް މި ބައްދަލުވުމުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިވެހީންގެ ތެރޭގައި އިހު އޮތް އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ “އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” އަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ޝިޢާރަކީ ”އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ“ އެވެ.
މިއީ ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމުގެ ރޫހާއި، އިޖުތިމާއީ ފޭރާން ގެއްލި ޒުވާނުންނާއި، މުޖުތަމައުގައި ބައިބައިވުން އުފެދި އެއްބަޔަކު އަނެއްބަޔަކު އޭރު އުޅެމުން އައި ހިތްހަމަޖެހޭ އެކުވެރި މާހައުލު ގެއްލެމުންދާކަމުގެ ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ޤައުމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މަޤްސަދުގައި ސަރުކާރުން ފައްޓަވަން ނިންމެވި ކެމްޕެއިނެކެވެ.
މި ކެމްޕެއިން އެކުލަވާލުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި، އަމިއްލަ އޮފީސްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކަށް ދަޢުވަތު އަރުވައި، އެ ފަރާތްތަކުގެ ބައިވެރިވުމަށް ވަނީ ހުޅުވާލައިފައެވެ. މި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޓަކައި ބަޖެޓާއި ޓައިމްލައިން ތައްޔާރުކޮށް ނިމިފައިވާ ކަމަށް ކެމްޕެއިން ވިލަރެސް ކޮމިޓީން ވަނީ މަޢުލޫމާތު ދެއްވާފައެވެ.





