އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ބޭސްފަރުވާއަށް ދާ މީހުންނަށް 1،000 ޑޮލަރު ވިިއްކާނީ 6 ގައުމަކަށް ދާ މީހުންނަށް އެކަނި ކަމަށެވެ. އެއީ އިންޑިއާ، ސްރީލަންކާ، ތައިލެންޑު، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީއަށް ބޭސްފަރުވާއަށް ދާ މީހުންނަށެވެ.
އެމްއޭއިން ބުނީ 1000 ޑޮލަރު ދޫކުރަން ވަކި ގައުމުތަކެއް ކަނޑައެޅީ ބޭސްފަރުވާއަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ހަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީން ކުރުމަށް ކަމަށެވެ.
މީގެކުރިން އަމިއްލަ ބޭސްފަރުވާއަށް ދާ ބޭނުންވާ މީހުން ކޮންމެ ގައުމަަކަށް ދިޔަނަމަވެސް 1000 ޑޮލަރު ދެމުން އައެވެ. އެ ފައިސާ ދޫކުރަމުން އައީ އެ މީހަކު ދައްކަން ދާ ހޮސްޕިޓަލްގެ އެޕޮއިންޓްމަންޓް ސިޓީއާއި ޑޮކްޓަރުގެ ލިޔެކިޔުންތައް ހުށައެޅުމުންނެވެ.
އެމްއެމްއެއިން ބުނީ ބޭސްފަރުވާގެ ބޭނުންތަކަށް މިދިޔަ މަހުގެ ނިޔަލަށް 41.1 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށެވެ. އަދި އޭގެތެރެއިން 29.2 މިލިއަން ޑޮލަރު ވިއްކާފައިވަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ މީހުންނަށް ކަމަށްވެސް އެމްއެމްއޭއިިން ފާހަގަ ކުރެއެވެ.
އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ދޫކުރާ އުސޫލު ހަރުދަނާކުރި ނަމަވެސް، ގައުމީ ސިއްހީ އިންޝުއަރެންސް، އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވާ ބަލިމީހުންނަށް ކަނޑައަޅާފައިވާ 2000 ޑޮލަރު އެއްވެސް އުނިކަމެއް ނެތި ކުރިންވެސް އޮތް އުސޫލުން ލިބެމުންދާނެ ކަމަށް އެމްއެމްއޭއިން ކަށަވަރުކޮށްދެއެވެ.






