އެފްއޭއެމް ފުޓްސަލް ޒޯން ބުރު؛ އޭދަފުށީގެ ފުރަތަމަ މެޗު މާދަމާ

tysdtyuj.jpg

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕްގެ މެޗުތައް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މުޅި ރާއްޖެ ހަތަރު ރީޖަން އަކަށް (ނޯތު، ސެންޓްރަލް، ސައުތު، އަދި މާލޭ ރީޖަން) ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ޒޯން ބުރަށް ކޮލިފައިވެފައި ވަނީ އަތޮޅު ޗެމްޕިއަންޝިޕްގައި ހުރިހާ އަތޮޅަކުން ފައިނަލް ކުޅުނު ދެ ޓީމެވެ.

ނަމަވެސް ނޯތު ރީޖަންގެ ށ. އަތޮޅާއި، ސެންޓްރަލް ރީޖަންގެ ވ. އަތޮޅު، އަދި ސައުތު ރީޖަންގެ ޏ. އާއި ސ. އަތޮޅުގެ އިތުރުން މާލޭ ރީޖަންއިން ބައިވެރިވީ އެންމެ ޓީމެއް ކަމަށްވާތީ އެ ރަށްތައް ވަނީ އޮޓޮމެޓިކުން ޒޯން ބުރަށް ކޮލިފައިވެފަ އެވެ. އަދި މާލޭ ރީޖަންއިން ވާދަކުރާ ހަމައެކަނި ޓީމަށް ވަނީ މޯލްޑިވްސް ފުޓްސަލް ލީގުގެ ޖާގައެއް ޔަގީންވެފައެވެ.

އެންމެ ފުރަތަމަ އޮންނަ މޯލްޑިވްސް ފުޓްސަލް ލީގު ކުރިއަށްދާނީ 12 ޓީމާއެކުއެވެ. އެއީ ހަތަރު ރީޖަންގެ އެއްވަނަ ޓީމުގެ އިތުރުން ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ އަށް ޓީމެވެ.

އޭދަފުށީގައި ހޯސްޓްކުރި ބ. އަތޮޅު ޗެމްޕިއަންޝިޕްގެ ފައިނަލްގައި ތުޅާދޫ 2-0 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދީ އޭދަފުށްޓެވެ.

ނޯތު ޒޯން 2 ގެ މެޗުތައް މަނަދޫގައި

ޒޯން ބުރުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ރީޖަންއެއް ދެ ޒޯނަކަށް ބަހާލައިގެންނެވެ. ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އޭދަފުށި ހިމެނެނީ ނޯތު ޒޯން 2 ގައެވެ. ނ. މަނަދޫގައި ހޯސްޓްކުރާ މި ޒޯންގައި ހިމެނެނީ ނ، ރ، ބ، އަދި ޅ. އަތޮޅުގެ ޓީމުތަކެވެ.

ނޯތު ޒޯން 2 ގައި ވާދަކުރާ ހަތް ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލައިފައެވެ:

ގުރޫޕް އޭ: ނ. މަނަދޫ، ޅ. ހިންނަވަރު، ބ. ތުޅާދޫ، އަދި ރ. އިނގުރައިދޫ

ގުރޫޕް ބީ: ބ. އޭދަފުށި، ރ. ދުވާފަރު، އަދި ނ. މަގޫދޫ

ނޯތު ޒޯން 2 ގެ ކުޅުން މާދަމާ ފަށާނީ ގުރޫޕް އޭ ގެ މެޗުތަކުންނެވެ. ހަވީރު މަނަދުއާ ހިންނަވަރު ވާދަކުރާއިރު، މާދަމާ ރޭ ކުޅޭނީ ތުޅާދުއާ އިނގުރައިދޫއެވެ.

އޭދަފުށީގެ ފުރަތަމަ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:45 ގައެވެ. އެ މެޗުގައި އޭދަފުށި ނުކުންނާނީ ރ. ދުވާފަރާ ދެކޮޅަށެވެ.

ގުރޫޕްގައި އޭދަފުށި ކުޅޭ ދެވަނަ މެޗުގައި ސެޕްޓެމްބަރު 28 ވާ ހޯމަ ދުވަހުގެ ހަވީރު ނުކުންނާނީ ނ. މަގޫދުއާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top