ކެމްބްރިޖް އިމްތިހާނުގެ ނަތީޖާއާއެކު އާންސާ ސްކްރިޕްޓްތަކާއި މާކްސް ސްކޫލްތަކަށް ފެންނާނެ

b972a659741266552ae4b1a599ad36b2.jpg

މިއަހަރުގެ ކެމްބްރިޖް އިމްތިހާނުގެ ނަތީޖާ އަންނައިރު ދަރިވަރުންނާއި ޓީޗަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެދެވޭ ބަދަލުތަކެއް ކެމްބްރިޖުން ގެނެސްފައިވާކަމަށް ތައުލީމާއި މަތީ ތައުލީމާ ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވަޒީރު ވިދާޅުވީ، އިމްތިހާނު ހަދާ ދަރިވަރުންނަށް ނަތީޖާ ލިބޭއިރު، ދަރިވަރުން ޖަވާބު ލިޔެފައިވާ ގޮތް ނުވަތަ އާންސަރ ސްކްރިޕްޓްތައް ސްކޫލްތަކަށް ފެންނަން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ދަރިވަރުންނަށް ގްރޭޑްތައް ލިބެނީ ކިތައް މާކްސް އިންކަން ނުވަތަ ޔުނިފޯމް މާކްސްވެސް ނަތީޖާއާއެކު ފެންނާނެއެވެ. ޓީޗަރުންނަށް އާންސާ ސްކްރިޕްޓް ފެންނަން ހުރުމުން ބޭކާރު ގޮތުގައި ރީޗެކަށް ފޮނުވުން މަދުވެ، ރީޗެކަށް ފޮނުވަންޖެހޭ ހާލަތްތަކުގައި އެކަން ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު މިމަހުގެ 20 އިން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ތައުލީމީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގައި 8,111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7,776 ދަރިވަރުން ބައިވެރިވެއެވެ.

އިމްތިޙާނުގެ ކަންކަން މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3,222 ދަރިވަރުންނާއެކު ކުރިއަށްދާއިރު، އަތޮޅުތަކުގެ 242 ސެންޓަރެއްގައި 2,869 ދަރިވަރުން އިމްތިޙާނު ހަދާނެއެވެ. އިމްތިހާނު ކުރިއަށްދާ މުއްދަތުގައި ދަރިވަރުންނަށް ހާސްކަން ގެނުވާފަދަ ޕްރެޝަރުތައް ނުކުރުމަށާއި، ކުދިންނަށް ރަނގަޅު ނަތީޖާއެއް މިންވަރުކުރެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަށް ތަޢުލީމީ ވަޒީރު އެދިވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top