ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނާއި ޚަތީބުން ބޭނުންކުރަން ޚާއްސަ ހެދުމެއް ފަރުމާކޮށް އެ ހެދުންތަކުގެ ވަގުތީ ޑިޒައިން އާންމުންނަށް ދައްކާލައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ފޭސްބުކްގައި ދައްކާލެއްވި އެ ހެދުމާއި ބޮލުގައި އަޅާ ތާކިހަލުން ފެންނަނީ މުޅިން ވެސް ދިވެހިވަންތަ ސިފަތަކެވެ. ހެދުމާއި ތާކިހަލުގައި ހިމެނޭ ޑިޒައިން ފަރުމާކުރީ މިސްކިތުގެ މުންނާރާއި ހުކުރު މިސްކިތުގެ ހިރިގަލުގެ މަސައްކަތްތަކާއި ދިވެހިންގެ ހުނަރު ދައްކުވައިދޭ ތުނޑުކުނަލުގެ ޑިޒައިންތަކުން ޚިޔާލު ހޯދައިގެންނެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މިއީ ފުރަތަމަ މަރުހަލާގައިވާ ޑިޒައިނެކެވެ. ހެދުން އެއްކޮށް ނިންމާނީ އެންމެ ގިނަ ބަޔަކު އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ޚިޔާލުތަކާ އެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް. އަދި ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ އަސަރު ހިމެނޭހެން،“ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ހެދުން ފަރުމާކުރުމުގައި ބަލަނީ އަސާރީ މަަސައްކަތްތަކާއި ތާރީޚުން ފެންނަން ހުރި ދިވެހިވަންތަ އިސްލާމީ ހަޟާރަތުގެ ބަހާތަކުގެ މައްޗަށް ކަމަށެވެ. އަންނަ ރޯދަ މަހަށް ތަންފީޒު ކުރެވޭ ގޮތަށް މި މަސައްކަތް ނިންމާލުމަކީ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިމާމުންނާއި ޚަތީބުންނަށް ހެދުމެއް ފަރުމާކުރަނީ ރާއްޖޭގެ ސަގާފަތާއި ތާރީޚް ދެމެހެއްޓުމަށާއި ދީނީ ސަގާފަތުގެ ތެރެއަށް ވަދެގެންދާ ބިދޭސީ އާދަކާދައިން ސަލާމަތްވާނެ ގޮތަށް ކަމެއް ކުރުމަށެވެ.





