އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ”އޭދަފުށި ކަޕް 2026“ ގެ ޗެމްޕިއަންކަން، ޕެނަލްޓީ ޝޫޓްއައުޓަކަށްފަހު އިރުމަތި އެފްސީން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.
މި މުބާރާތުގެ ތަށި މިލްކު ކުރުމަށް ނުކުތް ވެލާ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 15 ވަނަ މިނެޓުގައި އިރުމަތީގެ ލަނޑު އުނައިޝް ޒުބައިރު އެވެ. އޭގެ ހަތް މިނިްޓް ފަހުން މެޗުގެ 23ވަނަ މިނިޓުގައި ވެލާ ސްޕޯޓްސް އިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނީ 23 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) އެވެ.
ރާއްޖޭގެ މަޝްހޫރު ކުޅުންތެރިން ތަކެއް ދެ ޓީމުންވެސް ފެނިގެން ދިޔަ ފޯރިގަދަ މި މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު ނަތީޖާ ހަމަހަމަވުމުން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގެ ނަތީޖާއަކީ 8-7 ގެ ނަތީޖާއަކުން އިރުމަތި މޮޅުވުމެވެ.
ވެލާ ސްޕޯޓްސްގެ ފަހު ޕެނަލްޓީ ގޯލުގެ މަތިން ދިއުމާއެކު އިރުމަތީގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިރުމަތީގެ އަހުމަދު ބައްސާމް (ބައްކު) އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ވެލާ ސްޕޯޓްސްގެ އިބްރާހީމް ނަދީމް އާދަމް އެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ވެލާ ސްޕޯޓްސްގެ އަހުމަދު ޖައުޝަން އަބްދުﷲ އެވެ.
އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިރުމަތި ޓީމަށް ތަށި ހޯދައިދިން އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ.
މީގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް އިސްމާއީލް ފައުޒީ (އޮއްވި) ހޮވުނުއިރު، އެންމެ ގިނަ ގޯލު ޖެހީ ވެލާ ސްޕޯޓްސްގެ އިޝާން އިބްރާހީމް (ސައްޓު) އެވެ.






