ރައީސް މުއިއްޒަކީ ނަމޫނާ ލީޑަރެއް: ނައިބު ރައީސް

large_175800760730wn6k.jpg

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒަކީ ނަމޫނާއަކަށް ބަލައިގަންނަވަން ޖެހިވަޑައިގަންނަވާ ލީޑަރެއް ކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ނައިބު ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރު ވެރިކަމުން ފޭބިއިރު ރާއްޖޭގައި އެކައްޗެއް ވެސް ނެތް ކަމަށާއި ރާއްޖޭގެ މިނިވަންކަން ވެސް އޮތީ ގެއްލޭ ހިސާބުގައި ކަމަށެވެ. މި ސަރުކާރުން ކުރަމުންދަނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކަމަށާއި ގައުމުގެ އިޖުތިމާއީ ފޭރާން ގެއްލި، އާއިލީ ގުޅުންތައް އޮތީ ހީނަރުވެފައި ކަމަށެވެ.

އެމްޑީޕީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން، އެ ސަރުކާރުން ގާނޫނަށް އަމަލުކުރުން ހިފެހެއްޓުމަށްފަހު ފައިސާ ޗާޕުކުރީ ރައްޔިތުންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަން ނުކުރުމަށް އާދޭސްކުރަމުން ދަނިކޮށްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ޑޮލަރުގެ އަގު ނުހިފެހެއްޓި، ގައުމު ބަނގުރޫޓުވުމުގެ ހާލަތަށް ގޮސް ދައުލަތުގެ ރިޒާވް ހުސްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކާއި ހޮސްޕިޓަލްތައް ރަހުނުކުރަން ޖެހުނުކަންވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ހިމެނުއްވިއެވެ.

ނަމަވެސް، ރައީސް މުއިއްޒު ގެންދަވަނީ ކެތްތެރިކަމާއެކު ގައުމު ބިނާކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށާއި، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ދަރަނިތައް ދައްކަވައި، މޯގޭޖުކޮށްފައިވާ ތަންތަން ސަލާމަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ ވާދަވެރިންނަށް އިހުތިރާމު ކުރުމާއެކު، ޒާތީނުވެ މަސައްކަތްކުރެއްވުމުގެ ރީތި ނަމޫނާ ރައީސް ދައްކަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެނިގެންދަނީ ތާރީޚީ ބަދަލެއް ކަމަށާއި، ވެރިންގެ ގޮތުގައި ތިބެނީ ތާރީޚެއް އުފައްދައިގެން ކުރިއަށްދާ ވެރިންނާއި ވެރިކަންކޮށްލާފައި ސޮފްހާ ނިންމާލާ ވެރިން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ވަޑައިގެންނެވީ ގައުމު ހަލާކުކޮށްލާފައި ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

”ރައީސް އަލުން ބަލުން ކަންކަން ތަރުތީބު ކުރައްވާ، އިރާދަކުރެވިއްޔާ ތާރީހީ ގޮތުން އެމަނިކުފާނުގެ ނަން މި ގައުމުގައި ފެވިގެންދާނެ،“ ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް މަސައްކަތް ކުރައްވަނީ ވެސް އެހެންވެގެން ކަމަށާއި، ރައީސަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ގައުމު ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާ ވަތަނީ ލީޑަރެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top