އެއްގަމު އުޅަނދުފަހަރު ދެން ދުއްވޭނެ އެންމެ ދިގުމުއްދަތަކީ 20 އަހަރު

Male-Magu-Mathi.jpg

އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކޮށްގެން ދުއްވޭނެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ކަނޑައެޅުން ހިމެނޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ތާއީދާ އެކުގައެވެ. ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ. އެހެންނަމަވެސް އާސާރީ އުޅަނދުފަހަރާއި ގަވާއިދުން އިސްތިސްނާ ކުރެވޭ ވައްތަރުތަކުގެ އުޅަނދު މި ޙުކުމުން އިސްތިސްނާ ވެއެވެ.

މި ބިލުގައިވާގޮތުން މާލެ ސަރަހައްދުގެ ދަތުރުފަތުރު ރާވައި ހިންގުމަށް ޚާއްޞަ އޮފީހެއް ޤާއިމުކުރަން ޖެހެއެވެ. އެގޮތުން އެ އޮފީހަށް މާލެ ސަރަހައްދުގައި ދުއްވޭނެ އުޅަނދުގެ ކޯޓާ ކަނޑައެޅުމުގެ ބާރު ލިބިދެއެވެ. ހަމައެހެންމެ ފުލުހުންގެ ދަށުން ހިންގާ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް އުފެއްދުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ދެ އުޅަނދަށްވުރެ ގިނައިން ރަޖިސްޓްރީ ކުރާ ފަރާތްތަކުން އުޅަނދުގެ ބާވަތަށް ބަލައި އަހަރީ ފީއެއް ދެއްކުން ލާޒިމުވާ “މަލްޓިޕަލް އޯނަޝިޕް ފީ” އެއް ތަޢާރަފުކުރުމާއި ބައެއް ކެޓަގަރީތަކުގެ އުޅަނދުފަހަރުގެ އަހަރީ ފީ ބޮޑުކުރުމާއި ޚާއްޞަ ނަންބަރު ބޯޑުތަކުން ބޮޑު ފީއެއް ނެގުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބަލާއިރު އުޅަނދު އިންޝުއަރެންސް ކުރުން ބިލުން މަޖުބޫރުކޮށް އިންޝުއަރެންސެއް ނެތި ދުއްވާ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ދުއްވަމުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ޕާކިން ޒޯންތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމާއި މަގު ހުރަސްކުރުމުގެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާ އެކު 2009 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އުވިގެންދާނެއެވެ. އަދި ޤާނޫނު ތަންފީޒުކުރާ ތާރީޚުން ފެށިގެން ދެ އަހަރު ތެރޭ ޓްރެފިކް ކުށްތަކަށް ޕޮއިންޓް އުނިކުރާ ޑްރައިވަރު ޑީމެރިޓް ނިޒާމެއް ގާއިމުކުރުން ލާޒިމުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top