ކެޑޭޓް ކޭމްޕްގެ ދަރިވަރުންތަކެއް ކާނާ ވިހަވެ ފަރުވާދެނީ

large_162764722013W9zO.jpg

މަރަދޫ ހެލްތު ސެންޓަރު. -- ފޮޓޯ/ފޭސްބުކް

އައްޑޫސިޓީ ފޭދޫ ސްކޫލުގައި ކުރިއަށްދާ ކެޑޭޓް ކޭމްޕެއްގެ ތެރެއިން ހޮޑުލުމާއި ބޭރަށްހިންގުމުގެ އަލާމާތްތައް ފެނިގެން ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ޖުމްލަ 31 ކުއްޖަކު ވަނީ ސިއްހީ ފަރުވާއަށް ގެންގޮސްފައެވެ.

އެގޮތުން ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އަދި މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހަތް ކުއްޖަކު ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.

މި ހާދިސާގައި ބަލިވެގެން ފަރުވާ ދެމުން އަންނަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންތަކަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި ފަރުވާ ދެމުންދާ ކުދިންގެ ފަރާތުން ފެންނަމުންދާ މައިގަނޑު އަލާމާތްތަކަކީ ބޭރަށްހިންގުމާއި، ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުމެވެ.

ނަމަވެސް އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި، ފަރުވާ ދެމުންދާ ވަރަކަށް ކުދިންގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ކުދިންނަށް މިފަދަ ހާލަތެއް މެދުވެރިވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އެޗްއާރުސީއެމުން ވަނީ މި ހާދިސާ ހިނގައިދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރުމަށްވެސް ގޮވާލާފަ އެވެ.

މިފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނޭ ގޮތަށް އިންތިޒާމުތައް ބައްޓަންކޮށް، ކަންކަން ބަލަހައްޓަމުން ގެންދިއުމަށް ކަމާ ގުޅޭ އިދާރާތަކަށް ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.

މި ހިނގާ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުގައި ކެޑޭޓާއި އެހެނިހެން ޔުނިފޯމް ހަރަކާތްތަކުގެ ކޭމްޕްތައް އަންނަނީ ބާއްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top