އިނގިރޭސި ބަހަށް ކުދިން ހުށަހެޅޭ މިންވަރު އިތުރުވެ ދިވެހިބަހުގެ އަސްލު ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް: ރައީސް މައުމޫން

2f93e994-7849-489a-b7b4-d17af45ea8e0.png

ޒަމާނީ ޓެކްނޮލޮޖީއާއެކު ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އާންމުވުމުގެ ސަބަބުން، އިނގިރޭސި ބަހަށް ކުދިން ހުށަހެޅޭ މިންވަރު އިތުރުވެ ދިވެހިބަހުގެ އަސްލު ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެހެންކަމުން މިއީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއް ކަމަށާއި، މާދަރީ ބަސް ޙިމާޔަތްކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޑރ. ޙަސަން ޙަމީދު ލިޔުއްވާފައިވާ އިނގިރޭސި-ދިވެހި ބަސްފޮތް ނެރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންޖެހޭ ބަހަކީ އެކުދިންގެ މާދަރީ ބަސް ނުވަތަ ދިވެހިބަސް ކަމަށާއި ގޭތެރޭގައާއި މަދަރުސާތަކުގައިވެސް ކުދިންނާ ވާހަކަދެއްކުމުގައި ދިވެހިބަހަށް އިސްކަންދޭންޖެހޭ ކަމަށެވެ.

މިއަދުގެ ދިރިއުޅުމުގައި އިނގިރޭސި ބަހުގެ މުހިންމުކަން ބޮޑުވެފައިވީ ނަމަވެސް، ޑރ. ޙަސަން ޙަމީދުގެ މި ފޮތަކީ އިނގިރޭސި ބަހުގެ މުއްސަނދިކަން ދިވެހިބަހުން ދެނެގަތުމަށް ތަނަވަސްވެގެންދިޔަ ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި ރައީސް މައުމޫން ސިފަކުރެއްވިއެވެ.

އަދި މިއީ ދިވެހި ދަރިވަރުންނަށާއި، ލިޔުންތެރިންގެ އިތުރުން ތަރުޖަމާނުންނަށްވެސް ލިބިގެންދިޔަ އަގުހުރި ޢިލްމީ ޚަޒާނާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހިބަސް ކުރިއެރުވުމަށް ޑރ. ޙަސަން ޙަމީދު ފަދަ ޢިލްމީ ބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ވިދާޅުވެ، ޒުވާނުންނާއި ލިޔުންތެރިން ބަހުގެ ދިރާސާތައް އިތުރުކޮށް ދިވެހި އަދަބިއްޔާތު ދިރުވައި އާލާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސް މައުމޫން އިލްތިމާސްކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މައުމޫންގެ ވެރިކަމުގައި 1980 ވަނަ އަހަރު ހިންގެވި “އަސާސީ ތަޢުލީމުގެ މަޝްރޫޢު” އަކީ ރާއްޖޭގައި ލިޔެކިޔަން ނުދަންނަ މީހުންގެ ނިސްބަތް ނައްތާލައި، ދެކުނު އޭޝިއާގައިވެސް ލިޔެކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ މަތީ ޤައުމަށް ރާއްޖެ ހެދުމުގައި ހިންގުނު އެންމެ ކާމިޔާބު އެއް ޤައުމީ މަޝްރޫޢެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top