ރާއްޖެ އިން އެކްސްޕޯޓްކުރާ މަހަށް އިނގިރޭސިވިލާތުން ނަަގަމުން އައި ޓެރިފް ކަނޑާލުމުން، ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިނގިރޭސިވިލާތުން ނަގަމުން އައި ޓެރިފް ކަނޑާލުމުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 ޕަސެންޓުގެ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. އަދި ކުންފުނިތަކަށް މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭ އަގު ރަނގަޅު ކުރުމުގެ ފުރުސަތު މިހާރު އެބަ އޮތް ކަމަށް ވިދާޅިވި އެރވެ.
”އެހެންވީމާ މިހާރު ހޮރައިޒަން ފިޝަރީޒް ތަންތަނުން، އެންސިސް ފިޝަރީޒް ތަންތަނުން އަދި މިފްކޯ އިން ވެސް ރަނގަޅު އަގުގައި މަސްވެރިން އަތުން މަސް ގަންނަމުން އެ ދަނީ“. ޝިޔާމު ވިދާޅުވި އެވެ. “މިހާރު ބާޒާރެއް، ހަގީގީ ބާޒާރެއް، ވާދަވެރި ބާޒާރެއް، މަހުގެ އުފެދިއްޖެ ކަން އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން.“
މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތްގެ ކުރިއެރުމަށް ސަރުކާރުން ގިނަ މަސައްކަތްތެއް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އަދި މީގެ ނަތީޖާތައް ވެސް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ ރާއްޖޭން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަސް ކަމަށެވެ.
“އަޅުގަނޑުމެން ސާދަ އަހަރުވީ ޔޫރަޕާއި އިނގިރޭސިވިލާތުން ނަގާ ޓެކްސް ކުޑަކުރުމަށް މަސައްކަތްކުރާތާ. ނިޔަތެއް ނެތި، ހެޔޮ ނިޔަތެއް ނެތި ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއަކަށް ވަނީ އަބަދު ވެސް ސިގްނަލް އައިސް އައިސް ހުންނަނީ، އިއްޒަތްތެރި ރައީސް. އެއްގޮތަކަށް މީގެން އެއްވެސް ޓެރިފެސް ސަސްޕެންޑެއް ނުވޭ، މީގެން އެއްވެސް ޓެރިފެއް ކުޑައެއް ނުވޭ.” މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް ނަގާ ޓެރިފް ކަނޑާލިއިރު ރާއްޖޭން ޔޫރަޕަށް މަސް ބޭރުކުރާ ބާޒާރުތަކުގެ ތެރެއިން އެންމެ ބޮޑު ބާޒާރަކީ ވެސް އެ ގައުމެވެ.
“އަަޅުގަނޑުމެން އިނގިރޭސިވިލާތަށް އެބަ ބޭރުކުރަން ގާތްގަނޑަކަށް 18 މިލިއަން ޕައުންޑްގެ މަސް.” ޝިޔާމް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުމުން ވާދަވެރި ބާޒާރެއް އުފެދިފައިވާ އިރު، މިފްކޯއިން މަސް ގަންނަ އަގު ބަދަލު ނުކުރަނީ ކީއްވެތޯ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ މިހާރު ކިލޯއަކަށް 20ރ. އަށް ވުރެ އަގު ދަށްކޮށް މަސް ނުގަންނާނެ ކަމަށެވެ. އަދި މިހާރު ބައެއް ދުވަސް ދުވަހު ކިލޯއަކަށް 22ރ. ވެސް ދޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބޮޑު ބަޔަކީ އަމިއްލަ ކުންފުނިތަކުން ގަންނަ މަސް ކަމަށެވެ.






