ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ޚާއްޞަ މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް މައުމޫން ފައުންޑޭޝަނުން ނިންމައިފިއެވެ.
މި މުބާރާތް ބާއްވާނެކަން އިޢުލާންކުރެއްވީ ފައުންޑޭޝަންގެ ޗެއަރމަން، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. ރައީސް މައުމޫން މި މުބާރާތް އިޢުލާންކުރެއްވީ، މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން 1447 ވަނަ އަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ބޭއްވި ޤައުމީ ޅެން ހެދުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށް ފައުންޑޭޝަނުގެ އޮފީހުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
މައުމޫން ފައުންޑޭޝަނުން ވިދާޅުވި ގޮތުގައި, މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، އުސޫލުތަކާއި، އަދި މަޒުމޫނު ހުށަހަޅަންޖެހޭ ގޮތުގެ އިތުރު ތަފްސީލުތައް މާލަސްތަކެއް ނުވެ އެ ފައުންޑޭޝަނުން އާންމުކުރާނެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު އެވެ. މުބާރާތުގެ ވަނަތައް ކަނޑައަޅާނީ ދާއިރާގެ ތަޖުރިބާކާރު މާހިރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. ފަނޑިޔާރުންގެ ޕެނަލާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކުގެ ތަފްސީލީ މައުލޫމާތުވެސް ކުރިއަށް އޮތް ތަނުގައި އާންމުކުރެވިގެން ދާނެއެވެ.
އިއްޔެ ބޭއްވި ބައްދަލުވުމުގައި، ޅެން ހެދުމުގެ މުބާރާތުން ވަނަތައް ހޯދި ފަރާތްތަކަށް ރައީސް މައުމޫން ވަނީ ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ. މި މުބާރާތުގެ އެއްވަނަ އަދި ދެވަނަވެސް ހާސިލުކުރެއްވީ ހއ. އުތީމު، އަލިމަސްގެ، އަލްފާޟިލް ޢަބްދުﷲ އަސްޢަދުއެވެ. މުބާރާތުގެ އެއްވަނަ ހާސިލުކުރެއްވުމުން އޭނާއަށް 5،000 ރުފިޔާގެ އިނާމު ލިބިވަޑައިގެންފައިވާއިރު، ދެވަނަ ހާސިލުކުރެއްވުމުން 3،500 ރުފިޔާގެ އިނާމުވެސް އޭނާއަށް ލިބިވަޑައިގެންނެވިއެވެ. މުބާރާތުގެ ތިންވަނަ ހާސިލުކުރެއްވި މ. ރިވޮލި، އަލްފާޟިލާ ޢާއިޝަތު ޝަބާނާއަށް ވަނީ 2،000 ރުފިޔާގެ އިނާމު ދެއްވާފައެވެ.
މި ބައްދަލުވުމުގައި، މައުމޫން ފައުންޑޭޝަނުގެ ވައިސް ޗެއާމަން އަޙްމަދު ފާރިސް މައުމޫން، ސީއީއޯ ޢަބްދުﷲ ކަމާލުއްދީން (ނ.ޢ.ޢ.ވ)، ޖެނެރަލް ސެކްރެޓަރީ ޑރ. އަޙްމަދު ޝަރީފް އަދި ކުރީގެ ޖެނެރަލް ސެކްރެޓަރީ، އޮނަރަބަލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ) ބައިވެރިވެވަޑައިގެންނެވިއެވެ.





