އިގުތިސާދުގައި ދައުރުވާ ފައިސާ މަދުކުރުމަށް އެމްއެމްއޭއިން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
އެމްއެމްއޭގެ ބޯޑުން ނިންމާފައިވަނީ ބޭންކުތަކުން އެމްއެމްއޭގައި ބެހެއްޓުން ލާޒިމުވާ ދިވެހި ރުފިޔާގެ މިނިމަމް ރިޒާވް ރިކުއަޔަމެންޓް (އެމްއާރުއާރު) 10.5 އިންސައްތައިން 11.0 އިންސައްތައަށް ބޮޑުކުރުމަށެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. ހަމައެހެންމެ 2027 ވަނަ އަހަރު ތެރޭގައި ކޮންމެ ތިން މަހަކުން ބޯޑުން ރިވިއުކުރެމުން ގެންދާ ގޮތަށް އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްއާރުއާރު %13 އާ ހަމައަށް މަރުހަލާތަކަކުން އުފުލުމަށް ވެސް ބޯޑުން ނިންމާފައިވެއެވެ.
މީގެ އިތުރުން ބާޒާރުގައި ދައުރުވާ ފައިސާ ހިފެހެއްޓުމުގެ ގޮތުން ހިންގާ އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ގެ ރޭޓު 10 ބޭސިސް ޕޮއިންޓަށް މައްޗަށް ޖެއްސުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ބޭންކުން މިހާރު ހިންގަމުންދާ އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން 10 ބޭސިސް ޕޮއިންޓަށް އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރަން ނިންމާފައެވެ. އޯޕަން މާކެޓް އޮޕަރޭޝަނަކީ އިޤްތިޞާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ ހަރަކާތެކެވެ.





