ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ވާހަކަތައް ދައްކަނީ އެއްވެސްކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށާއި އެކަމާ ގުޅިިގެން އިދިކޮޅު އެމްޑީޕީން މުޒާހަރާކުރަން ނިންމުމުން އެ ޕާޓީއަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.
ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ދަތިވެއްޖެ ކަމަށްބުނެ މި މަހުގެ 12 ވަނަ ދުވަހު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ނިންމެވީ އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ނިންމުމަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު ރޭ އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ކޮންމެ އޮގަސްޓު މަހެއްގެ ވެސް 12 އަދި 13 ވަނަ ދުވަހަކީ އެމްޑީޕީން “ޓްރިގާވާ” ދުވަހެއް ކަމުގައެވެ. ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވަމުންދާކަން އެމްޑީޕީއަށް ނޭނގޭ ފަދަ ގޮތަކަށް އެ ޕާޓީން ވާހަކަދައްކާ ކަމަށް ވެސް ސައީދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދު ވަނީ ބައެއް ފަރާތްތަކުން އަގުބޮޑުަކަމަށް ފާހަގަކުރި ބައެއް ތަކެތި ބާޒާރުގައި އެފަރާތްތަކުން ފާހަގަކުރި އަގުތަކަށްވުރެ ހެޔޮއަގުގައި ލިބެންހުރިކަމާއި ލިބެންހުރި ތަންތަންވެސް ކިޔާދެއްވާފައެވެ.
މީގެ އިތުރުން ބައެއް ގައުމުތަކަށްވުރެ މިއަދުވެސް ރާއްޖޭގައި ނިސްބަތުން ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ އަގުހެޔޮކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އިންޑިއާ، ޔޫއޭއީ އަދި ސިންގަޕޫރުގައި ތެލުގެ އަގުތައް ލިބެންހުރި މިންވަރާއި ރާއްޖޭގައި އާންމުނަށް ތެއޮ ވިއްކާއަގާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ސިންގަޕޫރު އަދި އިންޑިއާއަށްވުރެ ރާއްޖޭގައި ޕެޓްރޯލްގެ އަގު ހެޔޮކަން މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
”ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް. އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން އެބަހުރި“ ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ވިސްނުމަކީ އޮގަސްޓް 12 އަދި 13 މި ދެ ދުވަހު ޤައުމު ހަލަބޮލިކުރުން ކަމަށާއި މިއީ ކޮންމެ އަހަރަކުވެސް އެފަރާތްތަކުން ކުރަމުން އަންނަ ކަމެއްކަމަށެވެ. ސަރުކާރުގެ އިގުތިސާދީ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ހަޖޫ ޖަހަމުންދާއިރު، ކަންކަން ކުރަންވީ ރަނގަޅު ގޮތުގެ ވާހަކަ އެފަރާތްތަކަށް ބުނެ ނުދެވޭކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.





