ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު، އޭދަފުށީ ސައިމާގޭ ހަލީމާ އަހުމަދަށް ދެއްވައިފި އެވެ.
ދިވެހި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ހަލީމާއަށް މި އިނާމު ހަވާލު ކޮށްދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްތަކެއް ކޮށްދައްވައި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ހަލީމާ އަހުމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 14 އެޕްރީލު 1983 ގައެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމުން ފެއްޓެވި ޚިދުމަތުގައި، ބ. އަތޮޅު ހޮސްޕިޓަލާއި، ސެންޓަރ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ފަދަ މުހިންމު އިދާރާތަކުގައި ހަލީމާ ވަނީ މަސައްކަތް ކުރައްވާފައެވެ. އޭނާ މިހާރު ހުންނެވީ ބ. އަތޮޅު ހޮސްޕިޓަލުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.
ހަލީމާގެ މި ކާމިޔާބީއަށް އޭދަފުށި ވޮއިސް އިން ތަހުނިޔާ އާއި މުބާރަކްބާދު ރައްދު ކުރަމެވެ.







