ދައުލަތަށް ވަރަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ހަތަރުބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)،އަރުއްވައިފިއެވެ.
މި ޢިއްޒަތް އެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އެ ޝަރަފު އެރުއްވި ބޭފުޅުންނަކީ؛
ޑރ. މުޙައްމަދު ލަޠީފް / މއ. ކިނބިއަލް
އުސްތާޛު އިބްރާހީމް ރަޝީދު މޫސާ / ހ. މީރުބަހުރުގޭއާގެ
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޗަމްޕާ ޙުސައިން ޢަފީފް / މއ. ޗަމްޕާވިލާ
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ / މއ. ޗަމްޕާމާގެ
ޑޮކްޓަރ މުޙައްމަދު ލަޠީފަކީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ ތަޢުލީމީ ދާއިރާގައެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓަރުކަމާއި، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރެއްވުމުގެ އިތުރުން، ރާއްޖޭގެ ތަޢުލީމީ މަންހަޖު އެކުލަވައިލުމާއި، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތައް އުފެއްދެވުމާއި، ފުރަތަމަ ކޮލެޖް ބިނާކުރެއްވުމުގައި ޑރ.ލަތީފް އިސް ދައުރެއް އަދާކުރެއްވިއެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން، ޑޮކްޓަރ ލަޠީފަކީ ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ސިވިލް ސާވިސް ގާއިމުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އދ. ގައި ރާއްޖޭގެ ދާއިމީ މަންދޫބުކަން ކުރެއްވުމާއި، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމުގެ މަޝްވަރާތަކުގައި ޑރ.ލަތީފް އިސްކޮށް އުޅުއްވިއެވެ. އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަން ކުރައްވައި، ރާއްޖޭގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ. އެޑިޔުކޭޝަނަލް ޕްލޭނިންގގެ ރޮނގުން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައިވާ ޑޮކްޓަރ ލަތީފަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި އެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމީ ތައުލީމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. މިސުރުގެ އަޒުހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރެއްވި އުސްތާޒު ރަޝީދަކީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދުމާއި، ރާއްޖޭގައި އަރަބި ތައުލީމު ފުޅާކޮށް މީހުން ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ.
އުސްތާޒު ރަޝީދަކީ ދީނީ ރޮނގުން 50 އަށްވުރެ ގިނަ ފޮތް ލިޔުއްވައި، ގިނަ އަދަދެއްގެ ފޮތްތަކާއި ޓީވީ ސިލްސިލާތައް ތަރުޖަމާކުރެއްވުމުގެ އިތުރުން، އާންމުންނަށް ބޭނުންތެރި ދީނީ ރޭޑިއޯ ޕްރޮގްރާމްތައް އުފެއްދެވި ކުޅަދާނަ ލިޔުންތެރިއެއް އަދި ނޫސްވެރިއެކެވެ. ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވިއިރު، މައުހަދާއި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސްކަން ފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވެއެވެ.
ޙުސައިން ޢަފީފަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރެއްވި އެންމެ އިސް އެއް ބާނީއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަންތީގައި މަސައްކަތްކުރައްވައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސޯލާ ރިޒޯޓެއް ތަރައްޤީކުރެއްވުމާއި، މަޓީ (MATI) އުފެއްދެވުމުގައި އެބޭފުޅާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ފަތުރުވެރިކަމުގެ އިތުރުން، އޭވިއޭޝަން، ބޭންކިންގ އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން އައްޑޫ އެއަރޕޯޓާއި، ޓްރީ ޓޮޕް ހޮސްޕިޓަލް އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައި އެބޭފުޅާގެ ހިއްސާ ބޮޑެވެ.
މީގެއިތުރުން، “ޢަލިފުޅު ތުއްތު ފައުންޑޭޝަން” މެދުވެރިކޮށް ތަޢުލީމީ ދާއިރާއަށާއި މުޖުތަމަޢުގެ ލާބައަށް ގިނަ މަޝްރޫޢުތަކެއް ހިންގަވައި، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބާއި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ވަނީ ޙާޞިލުކުރައްވާފައެވެ.
މުޙައްމަދު މޫސާއަކީ ޒުވާން އުމުރުން ފެށިގެން ވިޔަފާރިއަށް ޝައުޤުވެރިކަން ހުރި، ތަފާތު ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އިންޑިއާއިން ކިޔަވައިވިދާޅުވެ، އެކި މަސައްކަތްތައް ދަސްކުރެއްވުމަށްފަހު ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިގޮތުން ދަނޑުވެރިންނަށް އެހީތެރިވެ، ބާޒާރަށް ތަކެތި ނެރުމުގައި އިސްދައުރެއް އަދާކުރެއްވުމުގެ އިތުރުން “ތިމާވެށީގެ ފެހިފަތް” ވެސް ހާސިލުކުރައްވާފައިވެއެވެ.
އެބޭފުޅާއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤުތިޞާދު ކުރިއެރުވުމުގައި ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރައްވަމުންދާ ބޭފުޅެކެވެ. “ޗަމްޕާ ހޯލްސޭލް” ވިޔަފާރިއާއި، ތުނބަށްފުށީގައި ހިންގާ ސިނާޢީ މަސައްކަތްތަކުގެ އިތުރުން، އައްޑޫ އާއި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރުމުގައިވެސް އެބޭފުޅާގެ ޙިއްޞާ ބޮޑެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި “ދި އެފް.އެމް” އާއި “ދި ޓީ.ވީ” ފަދަ މީޑިއާ ސްޓޭޝަންތައް އުފެއްދެވުމުގެ އިތުރުން، “ޢަލިފުޅު ތުއްތު ފައުންޑޭޝަން” މެދުވެރިކޮށް އިޖުތިމާޢީ އެތައް އެހީތަކެއް ފޯރުކޮށްދެއްވަމުން ގެންދަވައެވެ.
މީގެއިތުރުން، ރާއްޖޭގެ މާލީ ދާއިރާއާއި ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ގޮތުން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އުފެއްދެވުމުގައިވެސް އެބޭފުޅާ އިސްދައުރެއް އަދާކުރެއްވިއެވެ. އެބޭފުޅާގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތާއި، ފަތުރުވެރިކަމުގެ ދާއިރާގެ ރަން އެވޯޑު ފަދަ ޝަރަފުވެރި އެވޯޑުތައް ވަނީ ލިބިވަޑައިގެންފައެވެ.






