އަންނަ އަހަރުން ފެށިގެން އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުންވެސް ފެމިލީ މީޑިއޭޝަންގެ ޚިދުމަތް ލިބޭނެކަމަށާއި އަތޮޅުތަކުން މި ޚިދުމަތް ލިބިގެންދިޔުމަކީ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ލިބޭނެ މުހިއްމު ފުރުސަތެއް ކަމަށް އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އުއްތަމަފަނޑިޔާރު ވަނީ ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭ ޢާއިލީ މައްސަލަތަކާއި ވަރީގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން، މިދިޔަ އަހަރު ފެމިލީ ކޯޓުގައި 5،102 ކައިވެނިކޮށްދީފައިވާއިރު، 3،498 ވަރިކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޖުތަމަޢުގައި ޢާއިލީ މައްސަލަތަކުގެ ޙައްސާސްކަން ބޮޑުވެފައިވާތީ، 2025 ވަނަ އަހަރު ބޭއްވި “ފަނޑިޔާރުންގެ މަހާސިންތާ” ގައި މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް މި މަސައްކަތް ފެށުމަށް ނިންމެވި ކަމަށާއި، މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. މީޑިއޭޝަން މަރުޙަލާގެ ސަބަބުން، ކޯޓުގައި އެކަކު އަނެކަކަށް މޮޅުވާން އުޅުމުގެ ބަދަލުގައި، މަޝްވަރާގެ އުޞޫލުން ދަރިންނަށް އެންމެ ރަނގަޅުގޮތް ނިންމުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ޚިދުމަތް ފެށުމަށްޓަކައި އެންމެ ފުރަތަމަ ޓްރެއިނަރުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށް އޮތް އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޓްރެއިނަރުން މެދުވެރިކޮށް މީޑިއޭޓަރުން ތަމްރީންކުރުމުގެ މަސައްކަތް އަންނަ މަހު ފެށިގެން ދާނެއެވެ.






