ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖެ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ބަޔަކީ ކައުންސިލަރުން ކަމުގައި ވިޔަސް، ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އެ މީހުންގެ ޒިންމާތަކާއި މަސައްކަތުގެ ބުރަކަން ވަރަށް ބޮޑުވެފައިވާ ކަން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން، މިހާރު ލިބޭ މުސާރައަކީ އެ މަސައްކަތާ އެކަށޭނަ މިންވަރެއް ނޫން ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
މުސާރައިގެ ތަފާތުތަކަށް އަލިއަޅުވާލަމުން ބުނެފައިވަނީ، ކައުންސިލް ރައީސްގެ މުސާރަ، އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށް ވުރެ ވެސް ކުޑަ ކަމަށެވެ.
ހަމައެފަދައިން، ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ ކައުންސިލްގެ އެގްޒެކެޓިވް މަގާމުތަކަށް ވުރެ ކުޑަވެފައި، އާންމު ކައުންސިލަރުންގެ މުސާރަ އެ ކައުންސިލްތަކުގެ ބައެއް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ދަށްކަން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ ވޯޓުން އިންތިޚާބުވެފައިވާ ފަރާތްތަކުގެ މުސާރަ، ސަރުކާރުން އައްޔަންކުރާ ސިޔާސީ މަގާމުތަކުގައި ތިބޭ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ މުސާރައަށް ވުރެ ކުޑަވުމަކީ، އިންތިހާބީ އޮފިޝަލުންގެ ބާރުވެރިކަމަށް އުނިކަން ލިބޭ ކަމެއް ކަމަށް ވެސް ގަރާރުގައި ފާހަގަކުރައްވައިފައި ވެއެވެ.
ކައުންސިލަރުންނަކީ ސައުވީސް ގަޑިއިރު ތެރޭގައި ދިމާވެދާނެ ކޮންމެ ފަދަ ހާލަތެއްގައި ވެސް އެންމެ ފުރަތަމަ ނިކުމެ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެން ތިބޭ ބަޔަކަށް ވީ ނަމަވެސް އިތުރު ގަޑީގެ އިނާޔަތްވެސް ލިބޭ ބަޔަކަށް ނުވާތީ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަންޖެހޭ ކަމަށް ދެކޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.





