ދިވެހިރާއްޖޭގެ ޑިޖިޓަލް އަދި ކްރިއޭޓިވް އިގްތިސާދަށް އާރޯކަން ގެނެސްދޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި، ދުނިޔޭގެ އެންމެ މަޝްހޫރު އޮންލައިން ޕޭމަންޓް ޕްލެޓްފޯމް، ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ތައާރަފު ކޮށްފި އެވެ.
މިކަމަށް ޚާއްސަކޮށް މިއަދު ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއަށް ޕޭޕަލްގެ ވިތުޑްރޯވަލް ނުވަތަ ފައިސާ ނެގޭނެ މަގު ފަހިކުރުމަށް މި ސަރުކާރުން ކުރި ބުރަ މަސައްކަތްތައް ފެށުނީ ޖޫން 6، 2024 ގައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޕޭޕަލްގެ ސީއީއޯ އެލެކްސް ކުރިސްއަށް ފޮނުވި ސިޓީއަކުން ފެށި މި މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ޕޭޕަލްގެ އިސްވެރިންނާ ބައްދަލުކޮށް ރަސްމީ ޕްރޮޕޯސަލްތައް ހުށަހަޅާފައެވެ.
އަދި އޮގަސްޓް 2024 ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕޭޕަލްގެ ގްލޯބަލް ލީޑަޝިޕް ޓީމާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ހިދުމަތް ރާއްޖެއަށް ގެނައުމަށް ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ އުރީދޫ މޯލްޑިވްސްއެވެ. ފުރަތަމަ މި ހިދުމަތް ލޯންޗުކުރަން ރޭވި ނަމަވެސް، އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ހަމަނުވެ ހުރުމުގެ ސަބަބުން 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ހިދުމަތް ފެށުން ލަސްވިއެވެ. ނަމަވެސް، އުރީދޫން އެ ކުންފުނީގެ އޭއެމްއެލް ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް، ޕޭޕަލްގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރުމާ ގުޅިގެން މި އަހަރުގެ މޭ މަހު ސިސްޓަމް ޓެސްޓުތައް ފެށިއެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ވެސް ދޫކޮށްފައެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުވުމަކީ ރާއްޖޭގައި ތިބެގެން މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ ސަބަބުން ބޭރު ގައުމުތަކުން ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ފަހިވެ، ގައުމީ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުރީދޫއިން ފާހަގަކުރެއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވެސް ޚާއްސަ އިސްކަމެއް ދެއްވި މި މަޝްރޫއު ކާމިޔާބުވުމަކީ ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.






