ގާނޫނަށް ބަދަލު ގެނެސް ރާއްޖެ އެތެރެކުރާ ސިނގިރޭޓަށް ނަގަމުން އައި ޑިއުޓީ ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށާ އެކަމާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ގޮތްތަކެއް ނިންމާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު، އޭރު އެ ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި ސިނގިރޭޓުގެ ޑިއުޓީ ސަރުކާރުން 2024 ވަނަ އަހަރު ބޮޑުކުރި ކަމަށެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ގެ ނޮވެމްބަރުގަ އެވެ. އޭރު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ޑިއުޓީ އަށް ބަދަލު ގެންނަން ވިސްނާފައިވާތީ ކަމާ ގުޅުން ހުރި އިދާރާތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ.
މިކަމުގައި ނިންމުމެއް ނިންމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މަޝްވަރާތައް ކުރާނަން. އަދި މަޝްވަރާ ކުރުމަށް ފަހު، އެ ރޭޓަށް [4ރ. އަށް] ދާން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ނަމަ، ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ.” އިހުސާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިފަދަ ބަދަލެއް ގެންނަ އިރު މާކެޓް ޑިމާންޑަށް އަންނަ ބަދަލުތައް އަދި މި ނިންމުންތަކުން ކުރާ އަސަރުތައް ހިސާބުކޮށް، ފަންނީ މާހިރުން ދޭ ލަފައަށް އަބަދު ވެސް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްުޔާތަކުން ދޭ ލަފާތަކަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވި އެފަދަ ނިންމުމެއް ނިންމާނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާނަމަ ގާނޫނަށް ބަދަލު ގެނައުމަށް ހުށައަޅާނެ ކަމަށް ވިދާޅުވި އެވެ.







