ރިލްވާން މައްސަލަ އާއި ގުޅޭގޮތުން ރައީސް ސޯލިހު ހެއްދެވީ އިތުރުފުޅެއް: އުޝާމް

file_mmrn7d-scaled-1.jpg

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު މި ސަރުކާރުން ދޫކުރިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްކެވި ވާހަކަފުޅު ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ދޮގުކުރައްވައިފިއެވެ.

ކުރީގެ ތިން ރައީސުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ ރިލްވާން މައްސަލާގައި ހައްޔަރުކޮށްފައި ތިބި ބަޔަކު މި ސަރުކާރުން ދޫކުރިކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ އެ ވާހަކަފުޅާ ގުޅިގެން ބަންޑާރަ ނައިބް އަހުމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް މި ސަރުކާރުން ދޫކޮށްލިކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގައި ހިމެނޭ މީހުން ބަންދުން ދޫކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ.

”އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރު. އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލާފައިވަނީ 2023 ގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު. މިކަހަލަ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ޚިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް.“ އުޝާމް ވިދާޅުވިއެވެ.

ރޭ ތިން ރައީސުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ވަނީ އެ ބޭފުޅުންގެ ވެރިކަންތަކުގައި ހިނގާދިޔަ ގޯސް ކަންކަމާ ގުޅޭގޮތުން ސުވާލުތައް ކުރިމަތި ކުރުވައިފައެވެ. ނަމަވެސް އެ ސުވާލުތަކަށް ތިން ރައީސުން ވެސް އެދެވޭ ޖަވާބުތަކެއް ދެއްވައިފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top