މާލެ ސަރަހައްދުން މި ހަފްތާގެ ތެރޭގައި ދެ މީހަކަށް ހިމަބިހި (މީސަލްސް) ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ، މި ކޭސްތައް ފެނުމާ ގުޅިގެން ސިއްހީ ޓީމުތަކުން މިހާރު ދަނީ އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ ތެރޭގައި ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލި މީހުންނާ ދިމާވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރާއްޖެ އައިސްފައިވާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއާ ގާތް ގައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ.
އެހެންކަމުން، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ހުން އައުމާ އެކު ހަށިގަނޑުން ރަތް ތިކިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވީނަމަވެސް، ދޭތެރެއަކުން މިފަދަ ކޭސްތައް ފެންނަމުންދާތީ އާންމުން ސަމާލުވުމަށް ސިއްހީ މާހިރުން ލަފާދެއެވެ.





