ބ. ހިތާދޫ ބަނދަރުގެ ބޭރުތޮއްޓާއި އެއްގަމުތޮށި ފަރުމާކުރުމާއި ބިނާކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 28 ނޮވެމްބަރު 2021 ގައި 25.3 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހިތާދޫ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ރައްކާތެރިކަމުގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 27,435 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 335.88 މީޓަރުގެ އެއްގަމުތޮށި ލުމާއި، 595.7 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ބަނދަރުގެ ބޭރުތޮށި ލުމާއި، ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.
އިތުރު ވަސީލަތްތަކަށް ބަލާއިރު، 1,729.4 އަކަމީޓަރުގެ ސަރަޙައްދެއްގައި ބަނދަރުގެ ޕޭވްމަންޓް ހަދައި، 75 މީޓަރުގެ ޖެޓީއަކާއި 22 މީޓަރުގެ ބްރިޖެއްގެ އިތުރުން ރޭމްޕެއްވެސް ވަނީ ގާއިމުކޮށްފައެވެ. މި ވަސީލަތްތަކާއެކު ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ތާވަލާ އެއްގޮތަށް ނިންމުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫޢު ނިމުމަކީ ހިތާދޫގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.





