ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފިއެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް މީގެ ކުރިން ވެސް ޕީސީބީން ނެރުނު ސާކިއުލާއެއްގައި އަންގައިފައިވެއެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުން ހިމެނެއެވެ. އަދި އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިޚްތިޔާރީ ޚަރަދުތައް ކުޑަކުރުމަށް ވެސް އަންގާފައިވެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މިނިސްޓަރު ޒަމީރު މިގޮތަށް އެންގެވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު އަނަސްއަށް ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ. މި ނިންމުމަކީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، ދައުލަތުގެ ފައިސާ ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން މީޑިއާއަށް ދޫކޮށްލި މަޢުލޫމާތުގައިވާ ގޮތުން، މިއީ ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް އިރުޝާދު ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެއީ އެންމެ އެކަށީގެންވާ މީހުން ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށް ޓަކައި މި ވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.
އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށް ޕީސީބީއަށް އަންގައިފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި އެ އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް އެދިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ފައިސާ ޚަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރި ކަންތައްތަކެއް ކަމަށެވެ.







