ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ރާއްޖޭގެ ސަރަހައްދުތަކާ ގުޅޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ޓަކައި “ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް”ގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިދާރާއެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި އިދާރާ އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހާ ކަންކަމާއި މައްސަލަތައް ބެލުމަށް މަސައްކަތްކުރުން ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުމާއި، ރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެ އެވެ.
މި އިދާރާގެ މަސައްކަތްތައް އަމަލީ ގޮތުން ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.





