މިއަދު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރެފަރަންޑަމް އިންތިޚާބުގެ ވޯޓްލުން ފަށައިގެން ކުރިއަށް އެބަދެއެވެ.
އެހެން ރަށްރަށެކޭ އެއްފަދައިން އޭދަފުށީގައި މި އިންތިޚާބުތަކުގެ ވޯޓްލުން ހެނދުނު 8:00 ގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަން (އީސީ) އިން އޮތީ ނިންމައިފަ އެވެ. ވޯޓުލާން ދާން ޖެހޭ ތަން (VR (Space) ID number to 1414) އަށް އެސްއެމްއެސްކޮށްގެން ބެލޭނެ އެވެ.
އަމާންކަމާ އޮމާންކަމާއެކު ކުރިއަށް ދާ މި ތިން އިންތިޚާބުގައި މެންދުރާ ހަމައަށް އައިއިރު ވޯޓުލާން ނުކުތްމީހުންގެ ދިގު ކިޔުއެއް އަދިވެސް އެބައޮތެވެ.
މި އިންތިޚާބުތަކަށް އަތޮޅުތަކާއި ރިސޯޓްތަކާއި ޖަލު އަދި މާލޭ ސަރަހައްދު ހިމެނޭ ގޮތަށް އި ޖުމްލަ 588 ވޯޓު ބަހައްޓާފައިވެ އެވެ.
މި އިންތިޚާބުތަކުގައި ވޯޓްލުމުގެ ހައްގު 294،876 މީހުންނަށް ލިބިގެންވެ އެވެ. އެއީ 144،505 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް 1،356 މެންބަރުން އިންތިޚާބު ކުރާނެ އެވެ.
މި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ އިންސާފުވެރި އަމާން މާހައުލެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް 8،000 އަށް ވުރެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1,626 ފަރާތަކާ، ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތެއް ހިމެނެ އެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4,021 ފަރާތަކާއި އިންތިޚާބުގެ ކަންކަން މޮނީޓަ ކުރުމަށް، 3,275 ފަރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވެ އެވެ.





