މާލެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާދަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު އާންމުކޮށްފިއެވެ.
އަންނަ ހޮނިހިރު ދުވަހުގެ 08:00 އިން ފެށިގެން އަމަލުކުރަން ފަށާ އެއުސޫލުގައިވާ ގޮތުން މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރެވޭނެ އެވެ.
އަދި ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ ދެ ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން “ހޯލްޑް” ކުރާނެއެވެ. އަދި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދިނުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.
ސީ އަދި އޭ ޒޯންއިން “ހޯލްޑް” ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ އެ އުޅަނދެއް މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. އެގޮތަށް ގުޅައި “އަންހޯލްޑް” ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އޭގެއިތުރަށް، އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި “ހޯލްޑް” ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ “އަންހޯލްޑް” ކުރިތާ ދެ ގަޑިއިރު ފަހުންނެވެ.
އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރާނެއެވެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން ތިން ފަހަރު ކަމަށްވާއިރު، ހަތަރު ވަނަ ފަހަރު ކިޔުއިން ކެންސަލްކުރާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
އިތުރަށް ގެންނަ ބަދަލުގެ ތެރޭގައި، އޭ-ޒޯން އަދި ސީ-ޒޯންގައި “ހޯލްޑް” ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި “ހޯލްޑް ކުރުމެއް ނޯވެއެވެ.
މިގޮތުން، އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ ހަތަރު ގަޑިއިރެވެ. މި ވަގުތަށް ކީވޯލް ޗާޖް ހިނގާއިރު، އެ ހަތަރު ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެއެވެ.
އެއާއެކު، އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން “ހޯލްޑް” ކުރުމަށްފަހު، “އަންހޯލްޑް” ނުކޮށް ގިނަވެގެން ބޭއްވޭނީ ފަސް ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރާނެއެވެ. އަދި، މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މާލޭގެ މަސްމާރުކޭޓާ ހަމައިން ބާޒާރުމަތީ ފިހާރަތަކާ ހަމައަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުގައި އެއްކޮށް ތާރުއަޅައި ނިންމާލައި އެ ސަރަހައްދު އާންމުންނަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގައެވެ.







