ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި އެވެ.
ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންތައް މެދުކަނޑާލީ 2020 ވަނަ އަހަރު އެވެ.
ތައުލީމީ ވުޒާރާއިން ބުނީ، 2019 ވަނަ އަހަރަށްފަހު ސްޓެޕް ޕްރޮމޯޝަން ދިނުން ހުއްޓިފައި އޮތް ނަމަވެސް، ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއުގެ ވަރަށް ބޮޑު އިސްނެންގެވުމަކާއި ކުރެއްވި ބުރަ މަސައްކަތްޕުޅުން، 2022 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ހުރިހާ ސްޓެޕް ޕްރޮމޯޝަންތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.
ސްކޫލްތަކުން ފުރިހަމަކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ނިންމައި ވުޒާރާއަށް ހުށަހަޅަމުންދާ ތަރުތީބުން، ޕްރޮމޯޝަން ހައްގުވާ ތާރީހުން ފެށިގެން ޓީޗަރުންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު ދަނީ އެއްފަހަރާ ޖަމާކޮށްދެމުން ކަމަށް ވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.
ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ހައްގުވާ ދުވަހުން ފެށިގެން ދިނުމަށް ވަޒީރު ސްކޫލްތަކަށް އެންގެވީ މިދިޔަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ސްކޫލްތަކަށް ވުޒާރާއިން އަންގާފައިވަނީ، ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ( މުދަރިސުންނާއި އަދި ތަޢުލީމީ ދާއިރާގެ ފަންނީ އެހެނިގެން މުވައްޒަފުން)ގެ ސްޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވާކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ހައްގުވާ ތާރީޚުން ފެށިގެން ދިނުމަށެވެ.
މި މަސައްކަތް 2026 ޖެނުއަރީ 31ގެ ކުރިންގެ ނިޔަލަށް ނިންމަން ވާނެ ކަމުގައި ވެސް ވުޒާރާއިން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.





