މި އަހަރުގެ ރޯދަމަހުގެ މުލަރޯދަ ދުވަހަކީ މާދަމާ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ކަމަށް ވިދާޅުވެ، ހުރިހާ މުސްލިމުންނަށް ރޯދައިގެ ތަހުނިޔާ ފޮނުއްވައިފައެވެ.
ރައީސް މައުމޫނަކީ ފަލަކީ އިލްމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވައި، އެ ދާއިރާ ދިރާސާކުރައްވާ ބޭފުޅެކެވެ.
ރާއްޖޭގެ ކަލަންޑަރު އޮތް ގޮތުން ވެސް މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެކަމަކު ބައެއް ގައުމުތަކުގައި މިހާރު ވެސް ވަނީ ރަމަޟާން މަސް ފެށޭނީ 19 ވަނަ ދުވަހު ކަމަށް ބުނެފަ އެވެ.
ރާއްޖެއަށް ބަލާއިރު މާލެއަށް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމައްޗަކު ނުހުންނާނެ އެވެ. އެކަމަކު ރާއްޖޭގެ އެންމެ ދެކުނުން، އައްޑުއަށް އިރު އޮއްސޭއިރު މިނެޓަކަށް ވުރެ ކުޑަ އިރުކޮޅަކު ހަނދު ފެންމަތީ ހުންނާނެ އެވެ.
ރޯދަ ހިފަން ފަށާނީ ހަނދު ސާބިތު ވީމައެވެ. އެކަން ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީން ކަމަށްވާއިރު ރާއްޖޭގައި މިފަހަރު ހަނދު ސާބިތު ކުރުމަށް ބާއްވާ ބައްދަލުވުން އޮތީ މިރެއެވެ.
ހަނދު ސީދާ ލޮލަށް ނުފެނުނު ނަމަވެސް ފަލަކީ ހިސާބަށް ބަލައިގެން ވެސް ހަނދު ސާބިތު ކުރުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.
މިއަދު އިރު އޮއްސުމުގެ ފަހުން އިސްލާމީ ގައުމުތަކަށް ހަނދު ފެންމަތިވޭތޯ ބަލާއިރު، ސައުދީ އަރަބިއްޔާގެ ޖިއްދާއަށާއި މިސްރުގެ ގާހިރާއަށާއި މޮރޮކޯގެ ކަސަބުލަންކާއަށާއި ސެނަގޯލުގެ ޑާކާރަށް، ހަނދު ފެންމަތިވާނޭކަން ފަލަކީ ގޮތުން ކަށަވަރުވެ އެނގޭން އެބައޮތް ކަމަށް ވެސް ބައެއް ފަލަކީ އިލްމުވެރިން ވިދާޅުވެއެވެ.
ރާއްޖެއަށް ހަނދު ނުފެނިއްޖެ ނަމަ، އިސްލާމީ ގައުމަކަށް ހަނދު ފެނިގެން އެ އެކަން އަންގައިފިނަމަ، ޖެހިގެން އަންނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމަށް ރާއްޖޭން ވެސް ކަނޑައަޅާނެއެވެ.





