ބ.ތުޅާދޫގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލުގެ މަސައކަތް ނިންމައި މިއަހަރު ހުޅުވޭތޯ ބަލަމުން އަންނަ ކަމަށް ސިއްހީ ވުޒާރާއިން ބުނެފި އެވެ.
ތުޅާދޫގައި ގާއިމްކުރާ ހޮސްޕިިޓަލާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރަމުން އަންނަ އިތުރު ފަސް ހޮސްޕިޓަލުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ނިންމައި ޚިދުމަތަށް ހުޅުވޭތޯ ބަލަމުން އަންނަކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމަށް ވާއިރު ރަށްރަށުގައި ދެވޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، މާލެ އާއި ރާއްޖެތެރޭގައި އިތުރު ހޮސްޕިޓަލްތަކާއި ޖީޕީ ކްލިނިކްތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
ސިއްހީ ވުޒާރާއިން ބުނެފައިވަނީ، މިއަހަރުގެ ތެރޭގައި ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު، އަދި ކ. ގުރައިދޫގައި ތަރައްޤީ ކުރަމުންދާ ހޮސްޕިޓަލްތަކުގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ތާރީޚަށް ބަލާއިރު، ވޭތުވެދިޔަ ދިގު މުއްދަތުގައި ޢުމްރާނީ ތަރައްޤީ ގެނެސްފައިވަނީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން ނޫންކަން ސިއްޙީ ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ. އޭގެ ބަދަލުގައި ކުރިން އަމަލުކުރަމުން އައީ އެ ދުވަސްވަރަކަށް ބޭނުންވާ މިންވަރަށް ތަންތަންކޮޅު އިތުރުކުރުމުގެ އުސޫލުންނެވެ. ނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތެއް ނޫންކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.





