ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ސެމީގައި އޭދަފުށިން މިރޭ ހދ. ނައިވާދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، މިއީ އޭދަފުށިން މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.
އޭދަފުށިން 2019 ވަނަ އަހަރު މުބާރާތުގެ ފައިނަލުގައި ކުޅުމުގެ އިތުރުން 2024 ވަނަ އަހަރު ފައިނަލުގައިވެސް ކުޅެފައިވެއެވެ. 2024 ވަނަ އަހަރަކީ އޭދަފުށިން ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދި އަހަރެވެ. އެ ތާރީހު އަލުން އިޔާދަކުރުމަކީ އެޓީމުގެ ޓާގެޓެވެ. އެހެން ނަމަވެސް، އެކަން ފަސޭހަ ނުވާނެ ސަބަބަކީ އަނެއްކޮޅުން ނުކުންނަ ނައިވާދޫއަކީ ކާމިޔާބީ ތަކުރާރު ކުރަން ނުކުންނަ ޓީމަކަށްވާތީއެވެ.
މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ އޭދަފުށިން ކަށަވަރުކުރީ، ކުއާޓާ ފައިނަލުގައި ރ. ދުވާފަރު ބަލިކޮށްގެންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު އެ މެޗު 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ 4-6 އިންނެވެ.
އަތޮޅު ބުރާއި ޒޯން ބުރަށް ފަހު ނޮކައުޓް ބުރުގެ ގަދަ 16 ގެ މެޗުގައި އޭދަފުށިން ވަނީ މައްޗަންގޮޅި 0-1 އިން ބަލިކޮށްފަ އެވެ.
މިމުބާރާތުގައި، ޖެހިޖެހިގެން ދެވަނަ ފައިނަލަކަށް ދިއުމަށް ނައިވާދޫން މަސައްކަތް ކުރަމުން އަންނަ އިރު، ނައިވާދޫން ކުއާޓާ ފައިނަލްގައި އއ. މަތިވެރި ބަލިކޮށްފައިވާ އިރު، ޓީމުން ދެކޭ ގޮތުގައި ފައިނަލަށް ދިޔުން އެއީ އުނދަގޫ ކަމެއް ނަމަވެސް، އެ އުންމީދު ޓީމުގައި އެބައޮތެވެ.
“ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފަ އޮތީ. ދެން ޓާގެޓަކީ މިހާރު ހަމަ ފައިނަލް. ސެމީ މެޗުވެސް އުނދަގޫވާނެ. އުނދަގޫވިޔަސް ނުކުންނާނީ އެންމެ ބެސްޓް ނެރެެގެން މޮޅުވާން،” އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ހަމީދު (އަންމަޑޭ) ބުންޏެވެ.
އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ނައިވާދޫ އިން ވެސް ވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިފަ އެވެ. ނައިވާދޫ އިން މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ކުޅުނެވެ. އެކަމަކު ފައިނަލުގައި ކ. ކާށިދޫ އަތުން 1-4 އިން ވަނީ ބަލިވެފަ އެވެ.
އޭދަފުއްޓާއި ނައިވާދޫ ވާދަކުރާ ސެމީ ފައިނަލް މެޗު ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑުގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ. އަނެއް ސެމީގައި ވިލިމާލެ އާއި ދެއްވަދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.
މިއަހަރުގެ މުބާރާތުގައި 119 ޓީމަކުން ބައިވެރިވި އެވެ.








