ސަރުކާރު މުވައްޒަފުންގެ ދަރިންނަށް ދެ އަހަރު ވަންދެން, މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅައިފިއެވެ.
މިހާރު ގާނޫނުގައި އޮންނަނީ، ދުވާލަކު ދެ ފަހަރަށް ބައިގަޑިއިރުގެ ހުސްވަގުތު ލިބޭނީ ކުއްޖާއަށް އަަހަރެއް ވަންދެން ކަމަށެވެ. އެހެންވެ، ކުދިން ކައިރިއަށް ދިޔުމަށް ލިބޭ ހުސްވަގުތު އިތުރުކުރުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ.
އެގޮތުން، ސަރުކާރު މުވައްޒަފުން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށް ފަހުގައި، ވަޒީފާއަށް ނިކުންނަ ދުވަހުން ފެށިގެން ކުއްޖާއަށް ދެ އަހަރު ވަންދެން 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެ ފަހަރަށް ދިނުމަށް ވަނީ އެ ބިލުގައި ހިމަނާފައެވެ. އެއީ، މުސާރައިން ނުކެނޑޭ ގޮތަށް، ކުއްޖާގެ ކަންކަން ކޮށްދިނުމަށް ދޭ ވަގުތުކޮޅެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
ސަރުކާރު މުވައްޒަފުންނަށް މިހާރު ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ބަލާއިރު، މައިންނަށް ހަ މަސް ލިބެއެވެ. ބަފައިންނަށް ލިބެނީ އެއް މަހެވެ.





