ޒުވާނުންނަށް ޚާއްސަކޮށްގެން ބ. އޭދަފުށީގައި ޔޫތު ހަބެއް ގާއިމު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ މިހާރު ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އިތުރު 9 ރަށެއްގައި ޔޫތު ހަބް ގާއިމުކުރުމަށް ބިން ހަމަޖައްސައި، އެކަމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާމެ ކަމަށް ވިދާޅުވި އެވެ.
އެ ރަށްރަށަކީ އޭދަފުށީގެ އިތުރުން ގއ. ވިލިނގިލި، ހއ. ދިއްދޫ، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ފ. ނިލަންދޫ، ޅ. ނައިފަރު، ރ. އުނގޫފާރު އަދި ލ. ފޮނަދު އެވެ.
ޔޫތު ހަބް އެންމެ ފުރަތަމަ ގާއިމުކުރީ މާލޭގަ އެވެ. އެތަން ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގަ އެވެ.
މިއީ ޒުވާނުންނަށް ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށް ދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހިކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، އެކި ކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުޞަތު ޔޫބް ހަބްގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.





