ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ކަހަލަ ދަތިތައް ހުރިނަމަވެސް ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ފޮނުވާ ނިމޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ތައުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިހާތަނަށް އަތޮޅުތަކުގެ ގިނަ ސްކޫލްތަކަށް ޓެކްސްޓް ފޮތަތައް ވަނީ ފޮނުވާފައެވެ.
އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފަވަނީ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. ކޮންމެ ރަށަކަށްވެސް ފޮތްތައް ފޮނުވަނީ، އެ ސްކޫލަކަށް އެ އަހަރަކަށް ވައްދާ ދަރިވަރުންގެ އަދަދުތަކަށް ބަލައިގެންނެވެ.
ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއު ވިދާޅުވީ، ފޮތްތައް ފޮނުވުމުގައި ބައެއް ކަހަލަ ދަތިތައް އެބަހުރިކަމަށެވެ.
“ކުރިން އަރަބިއްޔާގައި ވަރަށް ބޮޑު ގުދަނެއްގައި ފޮތްތައް ފޮނުވުމަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރީ. މިހާރު އެކަމަކު އަމީނިއްޔާއަށް މި ވަނީ ބަދަލުކޮށްފައި. ޖާގައިގެ ގޮންޖެހުން އެބަހުރި. އަދި މާލޭގެ އުތުރު ބަނދަރު ސަރަޙައްދުގެ މަސައްކަތްކުރާތީ ބޯޓުތަކަށް ތަކެތި ފޯރުކުރުމުގެ ދަތިތައްވެސް އެބަހުރި. މިކަންކަމާއެކުވެސް %100 ޔަގީންކަން ދެން، ސްކޫލް ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރާނެކަމުގެ ޔަގީންކަން ދެން” ވަޒީރު ވިދާޅުވިއެވެ.







