އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ބ. އޭދަފުށީ ކައުންސިލަށާއި އަންހެނުންގެ ކޮމިޓީގެ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކޮށްފި އެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ މިހާރުވެސް ރަށު ކައުންސިލަރެއްގެ މަގާމުގައި ހުންނެވި ޒައިދު އަލީ އެވެ. ޒައިދު އެމަގާމަށް ވާދަކުރައްވަނީ ޕްރައިމަރީން މޮޅުވެގެންނެވެ. ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ތެރޭގައި ޒީމާ ފިޔަވައި ދެން ތިއްބެވީ މިހާރުވެސް ކައުންސިލަރުންގެ މަގާމު ނއަދާކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.
އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ މިހާރު އަންހެނުންގެ ކޮމެޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތުމަތު އަބްދުއްރަހްމާން އެވެ. އެ ކޮމިޓީގެ މެންބަރު ކަމަށް އަލަށް ވާދަކުރައްވާނީ ހައްވާ ސަމީހާ، ޖިނާން އިބްރާހީމް ގެ އިތުރުން މިހާރުވެސް އެމަގާމުގައި ތިއްބެވި ޝާޒްލީން މުހައްމަދު އާއި ޝަމްލާ އަބްދުﷲ އެވެ.
ޕީއެންސީގެ އިތުރުން އަމިއްލަ ގޮތުންވެސް އޭދަފުށީ ކައުންސިލުގެ ރައީސްކަމަށާއި މެންބަރުކަމަށް ވާދަކުރާ ބައެއް ފަރާތްތަކުން މިހާރުވެސް ގެންދަނީ ކެމްޕޭން ކުރައްވަމުން ކަން ފާހަގަ ކޮށްލެވެއެވެ.







