ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލައިފިއެވެ.
ތުޅާދުއާއެކު ތ.ވިލުފުށީގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ހުށަހެޅުމަށްވެސް މިއަދުވަނީ ހުޅާވލާފަ އެވެ.
މި ދެ ރަށުގައި ތަރައްގީ ކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު މިދިޔަ މަހުގެ 24ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ. މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ތުޅާދޫގައި އިމާރާތްކުރާ މި 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (G-33/2025 ބ.) ގައި ވަނީ ޝާއިއުކޮށްފައެވެ.
މި ހައުސިންގ ޔުނިޓުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 11 ޖަނަވަރީ 2026، ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 އެޕްރީލް 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށެވެ.
މިނިސްޓްރިއިން ބުނި މި ރޯހައުސްތަކަށް އެދި ފޯމު ހުށައެޅޭނީ “ހިޔާވަހި” ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އެގޮތުން މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް (https://hiyaavehi.housing.gov.mv) މެދުވެރިކޮށްކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފައިވެއެވެ.
މި ދެރަށުގައި ގާއިމުކުރެވުނު ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ. ރޯހައުސްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ޔުނިޓްތަކަކީ 2002 އަކަފޫޓުގެ ބިމުގައި، އިމާރާތް ކުރެވޭ އޭރިއާ 1204 އަކަފޫޓަށް ހުންނަގޮތަށް އިމާރާތްކޮށްފައިވާ ޔުނިޓްތަކެވެ.
ތުޅާދޫގައި އަލަށް ތަރައްގީކުރި 100 ރޯހައުސް ލިބޭމީހުންގެ ދާއިމީ ލިސްޓެއް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވަނި އާއްމުކޮށްފައެވެ. މި ލިސްޓް އާއްމުކޮށްފައިވަނީ އެ ލިސްޓް އާއްމުކުރުން ލަސްވެގެން، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކައުންސިލް އިދާރާތެރޭގައި އިހުތިޖާޖުކޮށްފައި ވަނިކޮށެވެ.





