ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ބަންގި ގޮވުމުގެ ދެވަނަ މުބާރާތުގައި ބައިވެރިވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ނޫރުލް އަޒާން 1447 ގެ ދެވަނަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 އާ ހަމައަށެވެ.
މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ކޮންމެ އަތޮޅެއްގައި ވަކިން އޮޑިޝަންތައް ބޭއްވުމަށް ފަހު، ކޮންމެ އަތޮޅަކުން އެންމެ މޮޅު އެއް ބައިވެރިއަކު މުބާރާތުގެ ފައިނަލް ބުރުތަކަށް ހޮވާ ގޮތަށެވެ.
މިނިސްޓްރީން ބުނީ އަތޮޅުތަކުން ހޮވޭ މި ބައިވެރިންނާއެކު މުބާރާތުގެ މައިގަނޑު ބައިތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ކަމަށެވެ.
މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ބުރަކަށެވެ. ފުރަތަމަ ބުރުގައި ބައިވެރިން ބަންގި ގޮވަން ޖެހޭނީ އެ މީހަކު އަމިއްލަ އަށް ބޭނުންވާ ރާގަކަށެވެ. މި ބުރުގައި މާކްސް ދިނުމުގައި ތަޖުވީދުގެ ހަމަތަކަށާއި، ރާގުގެ ފުރިހަމަކަމާއި، އަޑުގެ ސާފުކަމުގެ އިތުރުން ބަންގި ގޮވުމުގެ ސުންނަތްތަކަށް ބަލާނެ އެވެ. ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ 7 ބައިވެރިން ދެވަނަ ބުރަށް ހޮވޭ އިރު، ދެވަނަ ބުރުގައި ބަންގި ގޮވަންޖެހޭނީ ފަނޑިޔާރުން ކަނޑައަޅުއްވާ ހާއްސަ މަގާމުތަކަކަށް ނުވަތަ ރާގުތަކަކަށެވެ.
ނޫރުލް އަޒާން މުބާރާތް ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ. އެ އަހަރު 40 އަށް ވުރެ ގިނަ ބައިވެރިން ވާދަކުރި އެވެ. އަދި މުބާރާތުގެ އެއް ވަނަ ހޯދީ ސުލައިމް މުޙައްމަދު ލަޠީފެވެ.
މި މުބާރާތަކީ ދިވެހި މުޖުތަމައުގައި އިސްލާމީ އަގީދާ ވަރުގަދަކޮށް، ބަންގި ގޮވުމުގެ މަތިވެރި ފަންނާއި ހުނަރު ކުރިއަރުވައި، މި ދާއިރާއަށް މީހުން ބިނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.





