ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ދަރިވަރުންގެ ދެވަނަ ޓާމުުގެ ޗުއްޓީ މިއަދު ފަށައިފިއެވެ.
އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ދެން ފެށޭނީ އަންނަ މަހު، 27ގައެވެ. ދަރިވަރުންގެ ކިޔެވުން އެ ދުވަހު ފެށުނު ކަމަށްވި ނަމަވެސް، އަންނަ މަހު 25އަށް ޓީޗަރުން ސުކޫލުތަކަށް ނުކުންނަން ޖެހެއެވެ.
އެހެންކަމުން، ދަރިވަރުންނަށް މިއަދުން ފެށިގެން އެއް މަހާއި އެއް ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ބޮޑު ޗުއްޓީ އަހަރުގެ މެދުތެރޭ ލިބޭ ގޮތަށް، 2021ގައި ބަދަލުކުރިއެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނަށް އަހަރުގެ ފަހުކޮޅު މަސައްކަތް ބުރަވާތީ، އެ މީހުންގެ އެދުމުގެ މަތިން ކަމަށް އޭރު އޮތް ސަރުކާރުން ބުންޏެވެ. ނަމަވެސް އެ ބަދަލާއެކު، އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޖޫން، ޖުލައިގައި މޫސުމީ ވިއްސާރަ އަންނާތީ އެ ދުވަސްވަރު ދަތުރުފަތުރަށް ހުރަސް އެޅޭކަމަށް ބުނެއެވެ.
އެހެންވެ، ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް އަލުން ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.





