’އަމީނިއްޔާ‘ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
’ފޭސްބުކް‘ގައި ފުލުހުން ހިއްސާކުރި ވީޑިއޯއެއްގައިވާ ގޮތުން “އަމީނިއްޔާ”ގެ ނަމުގައި، ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ، ލިންކެއް ފޮނުވާފައިވެއެވެ.
އެ މެސެޖުގައިވާ ގޮތުން، ”ޕޯސްޓަށް ފައިސާ ދެއްކުމުން ނޫނީ އޯޑަރު ކަސްޓަމަރުގެ އަތަށް ނާރާނެ“ އެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ، ’އަމީނިއްޔާ‘ އާއި އެހެނިހެން ނަންނަމުގައި މިފަދަ މެސެޖުތައް ލިބެމުން އަންނަކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ، މެސެޖުގައިވާ ލިންކަށް ފިތާނުލުމުށާއި، މެސެޖު ލިބޭއިރަށް ވަގުތުން ސްޕޭމްގެ ގޮތުގައި ރިޕޯޓުކޮށް ޑިލީޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. އެެހެންވެ، ސްކޭމްތަކަށް ސަމާލުވުމަށް މެދުކެނޑުމެއްނެތި ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބު ތަކުގައިވާ ގޮތުން، ސްކޭމްތަކުގެ ސަބަބުން މިދިޔަ މަހު 1.29 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ގެއްލިފައިވެއެވެ. ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން އެ މަހު އަނބުރާ ހޯދުނީ 477،263 ރުފިޔާ ކަމަށްވެސް ފުލުހުން ބުންޏެވެ.








