އަންނަ ރޯދަމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފަ އެވެ.
އަދި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ ޖެނުއަރީ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތަކަށެވެ.
މިނިސްޓްރީން ބުނީ ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކުރާ ކޮންމެ ރެއަކަށް 500ރ. ރޭޓުން ކަމަށެވެ. އަދި ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.





