ފަސްއަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ހާސިލުނުކޮށް ތިބޭ، މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ މަގާމު ގެއްލޭގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މިހާރު ގާނޫނުގައިވާ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ދަށްވެގެން ހާސިލުކުރަން ޖެހެނީ ޑިޕްލޮމާއެކެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގައި ބުނެފައިވަނީ، މި އިސްލާހު ގާނޫނަށް ގެނެސް އަމަލު ކުރަން ފަށާއިރު ދަށުކޯޓު ތަކުގެ ތެެރެއިން މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން އެންމެ ކުޑަމިނުން ޑިގްރީއެއް ހާސިލުކޮށްފައިނުވާ ފަނޑިޔާރުން، އެއް އަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވާންވާނެ ކަމަށެވެ. އަދި މިއަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި އެޕްރޮގްރާމް ފުރިހަމަކޮށް، ޑިގްރީ ހާސިލުކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވަނީ އެގޮތަށް އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނައި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރާ ފަރާތްތަކަކީ ގާނޫނުގައި ބަޔާންކުރާ ފަނޑިޔާރެއްގެ ޝަރުތު ހަމަވާ ފަރާތެއްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅަން ވާނެ ކަމަށެވެ.
ނަމަވެސް ކަނޑައަޅާފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތުގައި ޖޭއެސްސީން ކަނޑައަޅާ މަގުބޫލު އުޒުރެއް ނެތި އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވެ ޑިގްރީ ހާސިލްކޮށްފައި ނުވާނަމަ، ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަ ނުވާކަމަށް ޖޭއެސްސީން ކަނޑައަޅަން ވާނެ ކަމަށާއި، އެ ހާލަތުގައި އެ ފަނޑިޔާރެއްގެ މަގާމު ހުސްވީކަމަށް ބެލެވޭނެ ކަމަށްވެސް ބިލުގައި ވެއެވެ.
މިގޮތަށް ނިންމި ސަބަބެއް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރު ކަމުގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ކަމަށް ކަނޑައެޅުމަށް ޖޭއެސްސީއާއި އެކި ކޯޓުތަކުންނާއި އާންމުންވެސް ޚިޔާލު ހުށަހަޅާފައިވުމެވެ.
މީގެ އިތުރުން 55 އަހަރުނުވާ ފަނޑިޔާރުން އަމިއްލައަށް އެދިގެން އިޚްތިޔާރުގައި މުސްކުޅިވެވޭނެ ގޮތަށްވެސް ކޮމިޓީ މަރުހަލާގައި ބިލު އިސްލާހުކޮށްފައިވެއެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓަށް ކުރިމަތިލާ ފަނޑިޔާރެއްގެ މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންވާނެ ކަމަށާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް ކޯޓެއްގެ ލީގަލް އޮފިސަރުކަމުގެ މަގާމުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހަކީ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި މީހެއްކަމަށް ބަލަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.
ފަނޑިޔާރުކަން ކޮށްފައިވާ ބޭފުޅަކު ގާނޫނީ ވަކީލުކަމަށް ރުޖޫއަވުމަށްފަހު ވަކާލާތު ނުކުރެވޭނެ ހާލާތްތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ފަނޑިޔާރުކަމުން ވަކިވުން ނުވަތަ ވަކި ކުރާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް، ފާއިތުވި ތިން އަހަރު ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެގޮތުގައި ހާޒިރުނުވެވޭނެކަަމަށް ވަނީ ބަޔާންކޮށްފައެވެ.






