އޭދަފުށީގައި 75 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ގްލެޓް އިންވެސްޓްމަންޓްސް ކިޔާ ކުންފުންޏަކަށްއަދު ހަވާލުކޮށްފި އެވެ.
އޭދަފުށި ހިމެނޭގޮތަށް ރާއްޖޭގެ 12 ރަށެއްގައި 825 ހައުސިން ޔުނިޓް އެޅުމަށް މިއަދުވަނީ ކުންފުނިތަކާ ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ބާސެލޯނާ ނަސަންދުގެ ޕެލަސް ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށާއި، އެހެންކަމުން ބޭންކުތަކުން ފައިނޭންސިން ލިބި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ އަވަސްމިނުގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުންފުނިތަކުން މަސައްކަތް ކުރުމަށްފަހު ފައިސާ ހޯދަން ހުށަހެޅުމުން އާންމުކޮށް ސަރުކާރުން ފައިސާ ދޫކުރުމުގައި އަންނަ ތާށިކަމާއި ޑިލޭތައް މިފަހަރު އެއްވެސް ވަރަކަށް ނާންނާނެ ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގައި ވާ ގޮތަށް ކުންފުނިތަކުން މަސައްކަތް ކުރުމަށް މަޖުބޫރުވާނެ ކަމަށާއި، އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ވަރަކަށް ދުވަހުގެ ތެރޭގައި ފަށަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި މަޝްރޫއުތައް “ވަރަށް ހަލުވި ދުވެލީގައި” އަދި “ވަރަށް އެފިޝަންޓުކޮށް” ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ތާރީހަށް މަސައްކަތްތައް ފެށުމަށްޓަކައި ބޭންކު ތެރެއިންނާއި ފިނޭންސް މިނިސްޓްރީން ފުރިހަމަ ކޮށްދޭންޖެހޭ ކަންކަން ދާދި އަވަހަށް ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އެހެންވީމާ ކުރިއަށް އޮތް 21 ވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑަށް ޔަގީން ރަށްރަށުގައި ފެނިވަޑައިގަންނަވާނެ، މި 123 ރަށުގައި މި ކަމަށްޓަކައި މަސައްކަތްތައް ފެށިގެންދާތަން ވެސް،“ރައީސް މުއިއްޒު ވިދާޅުވި އެވެ.






