ބ. އަތޮޅު ކައުންސިލުން ޤަވާއިދާއި ޚިލާފުވެގެން ގިނިސް ވޯލްޑް ރެކޯޑްސްއިން ބ. އަތޮޅު ޖޫރިމަނާކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ބ. އަތޮޅު ކައުންސިލުން ޤަވާއިދާއި ޚިލާފުވިކަމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާ ކަމަށް ބުނެ ރިޕޯޓުކޮށްފައިވަނީ ރާއްޖޭގެ ނޫހަކުންނެވެ. އެ ނޫހުން ރިޕޯޓު ކުރި ގޮތުގައި ބ. އަތޮޅު ކައުންސިލް ޖޫރިމަނާ ކުރަން ނިންމި ސަބަބަކީ ގިނީސްގެ ހުއްދަ ނެތި, ގިނީސް ގެ ނަން ޖަހައިގެން މެޑެލްތަކެއް ތައްޔާރުކޮށް އިވެންޓުގައި ބައިވެރިވި ފަރާތްތަކަށް ދިނުމުންނެވެ.
އެކަމުގެ ސަބަބުން ބ. އަތޮޅު ކައުންސިލް 10,000 ޕައުންޑާއި 5000 ޕައުންޑާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރަން ނިންމައިފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އެކަމާއި ގުޅިގެން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުން ރިޕޯޓުކުރި ދޮގު ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ހަޑިމުޑުދާރު ޢަމަލެއް ކަމަށެވެ.
“މި ޚަބަރުގެ ސަބަބުން މި ހަރަކާތުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށާއި އަދި ޖުމްލަކޮށް ބ. އަތޮޅުގެ ރައްޔިތުންނަށް މިކަމުގެ ސައްހަ މައުލޫމާތު ވަނީ އޮޅޭގޮތް މެދުވެރިވެފައެވެ،” އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އެ ކައުންސިލުން ވަނީ ގިނީސްއިން އެފަދަ ޖޫރިމަނާއެއް އަދި އެ ޝަރަފު ގެއްލިދާނެ ފަދަ އެއްވެސް އިޝާރާތެއް އެ ކައުންސިލަށް މިއަދާއި ހަމައަށް ކޮށްފައި ނުވާކަން ކަށަވަރުކޮށް ދީފައެވެ. އަދި އެ ނޫހުން ކުރި ރިޕޯޓާއި ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.





