ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހްމަދު ޝައިމް ރިޟާއަށް ލިބިއްޖެ އެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން މިއަހަރު އެއްވަނަ ހާސިލްކުރި ދަރިވަރުންނަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި ފިލަޔާއި، އެއްލައްކަ ރުފިޔާއާއި، ބޭނުން ރޮނގަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ދެއްވާ ޚާއްސަ ސްކޯލާޝިޕާއި، އިސްލާމިކް މިނިސްޓްރީން 75،000 ރުފިޔާއާއި ހަނދާނީ ލިއުމާއި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާ ދަތުރެއް ދީފައެވެ.
ހާފިޒުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ހޯދާފައި ވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރު އެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ހާސިލުކޮށްފައިވަނީ ނ. އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކުރީ ލ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާ އެވެ.
މި އަހަރުގެ ޤައުމީ މުބާރާތުން އެއްވަނަ ހާސިލްކުރި މުއައްސަސާއަކީ އަރަބިއްޔާ ސްކޫލެވެ. ދެވަނަ ނ. އަތޮޅު ކައުންސިލުން ހާސިލްކުރިއިރު ތިންވަނަ ހާސިލްކުރީ ޅ. އަތޮޅު ކައުންސިލެވެ.
މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވޭ އަހަރެވެ.
ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށް ދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.








