ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް ދަތުރު ދިއުމަށް ޚާއްސަ ރަށެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އދ. މާމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ރަށްރަށް ތަރައްގީކޮށް ހިންގާނީ ސަރުކާރުން ކަމާބެހޭ އުސޫލުތަކުގެ ތެރެއިން، ކަމާބެހޭ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކަމަށެވެ. މަގުސަދަކީ، އާއިލާތަކާއި ކުޑަކުދިންނަށް ވެސް އަދި ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭނެ ގޮތަކަށް، ދެ ބޭނުމަށް ވެސް ހިފޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ރަނގަޅަށް ތަރައްގީކުރެވިފައިވާ ޕިކްނިކް އައިލެންޑްތަކެއް ގާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްރަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ ރައްޔިތުން އެދެމުންދިޔައީ އެއް ކަމަކަށް ކަމަށެވެ. އެއީ އާއިލާތަކާއި ދަރިން ގޮވައިގެންދާނެ ޕިކްނިކް އައިލެންޑެއް ނެތުމުން އެކަމުގެ ޝަކުވާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން އެ މަސައްކަތް ފެށުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި ރަށްރަށް މެނޭޖުކުރާނެ ގޮތާ ބެހޭ ގޮތުން ރައީސް މުއިއްޒު އިޝާރާތްކުރެއްވީ، ހަފުތާގެ ބައެއް ދުވަސްތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް، ފަތުރުވެރިންނާ އެކު ދަތުރުކުރުމަށް ބޭނުންކުރެވޭނެ ގޮތަށެވެ. އަނެއް ދުވަސްތަކުގައި އާއިލާތަކާއި ކުޑަކުދިންނާ އެންމެންނަށް ބޭނުންކުރެވޭނެ ގޮތަށް، މިކަހަލަ އުސޫލަކުން ބޭނުންކުރެވޭ ގޮތަށް ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި ރަށްތައް ކަނޑައަޅައި އެކަން ކުރަން ކުންފުންޏަކާ ހަވާލުކުރެވޭނެ އެވެ. އަދި ދެމެހެެއްޓެނެވި މޮޑެލެއްގެ ތެރެއިން އެކަން ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.







