މާދަމާ އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ މީހުން “އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު” އޮންލައިންކޮށް ފުރަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑިއާގެ އިމިގްރޭޝަނުން ބުނި ގޮތުގައި އެ ގައުމަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން މި ކާޑު އޮންލައިންކޮށް ފުރައި ހުށަހެޅޭނެ އެވެ.
މި ބަދަލު ގެނައުމުގެ ބޭނުމަކީ މިހާރު އެއާޕޯޓަށް ގޮސް، އެރައިވަލް ފޯމެއް އަތުން ފުރަން ޖެހުމުން ކިޔޫތައް ދިގުވެ، ލަސްވުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުން ކަމަށް އެ ގައުމުގެ ނޫސްތަކުގައިވެ އެވެ.
އެ މައްސަލަ ހައްލުކުރުމަށް ޓަކައި، އޮންލައިންކޮށް އެރައިވަލް ކާޑެެއް ފުރަންޖެހޭ ގޮތަށް ހަމަޖެހިފައިވަ ކަމަށާއި، އީ-އެރައިވަލް ކާޑުގައި ހިމެނޭނީ ޕާސްޕޯޓް ނަންބަރާއި ގައުމާއި ޒިޔާރަތް ކުރާ ސަބަބާއި އަމިއްލަ އެޑްރެހާއި ފޯނު ނަންބަރު ފަދަ މައުލޫމާތެވެ.
އިންޑިއާ އަށް މަސައްކަތްކުރަންދާ މީހުންނާއި ޓޫރިސްޓުންނާއި ކިޔަވަންދާ ކުދިންނާއި ވިޔަފާރީގެ ބޭނުމަށްދާ މީހުން ވެސް މި ޑިޖިޓަލް ކާޑު ފުރަން ޖެހޭނެ އެވެ.





