ވާހަކަ: އަމިއްލަ ގޭގައި އިއްފަތް ލޫޓުވާލެވުނު އަންހެނާ

Rape-victim-010_629233_large.jpg

އަހަންނަށް ހުރެވުނީ ތަރުކާރީރިހަ ކެއްކުމަށް ކެރެޓްކޮށުމާއިގެން މަޝްޣޫލުވެވިފައެވެ. އަހަރެންގެ ހަ މަހުގެ ތުއްތު ދަރިފުޅު މެދުގޮވަތީގައި ކުޅެން އިނެވެ. އެ ބޮޑު ގެ އެވަގުތު ހީވަނީ ފަޅުވެފައި އޮތް ހެންނެވެ. އެކަމަކު ހަމައެވަގުތު ގޭގެ ލިވިންގރޫމްތެރެއުިން ކޮންމެވެސް އަޑެއް އިވުނެވެ. ހީވަނީ މީހެއްގެ ހިލަމެއް ހެންނެވެ.

“ކާކު….! ފްރޭންކްތަ؟ ” އަހަންނަށް ލިބުނު ހައިރާން ކަމުގައި ގޮވާލެވުނެވެ. އެކަމަކު ފްރޭންކް މިވަގުތު އަންނަންވީ ކީއްވެގެން ހެއްޔެވެ؟ ބައިގަޑިއިރު އޭނާ އައުމަށްވެސް ނަގާނެއެވެ. ފަހަރުގައި އޭނާ ކަމަށްވުންވެސް އެކަށީގެން ވެއެވެ.

އެއްވެސް ޖަވާބެއް ނުލިބުނެވެ. އެކަމަކު ހަމަ އެވަގުތު ކަޅު ހިޔަންޏެއް ބަދިގޭގެ ދޮރުމަތިން ފެނުނެވެ. އަހަންނަށް މަޑުމަޑު ހަޅޭކެއްގެ އަޑު އިއްވާލެވުނެވެ.

“އަގަ ލައްޕައިގެން ހުރޭ ! އެހެންނޫންނަމަ ކަލޭ މަރާލާނަން. ” ކުޑަ ހުއްޓުމަކަށްފަހު އެ ނުދަންނަ މީހާގެ އަޑު އިވުނެވެ. “ކަލޭ ކަހަލަ ރީތި އަންހެނަކަށް އަހަރެން އަނިޔާއެއް ނުކުރާނަން. ”

މަޑުމަޑު އަލިކަމެއްގެ ތެރޭގައި އަހަންނަށް ކުޑަކުޑަކޮށް އޭނާ ފެންނަން ފެށިއެވެ. އެމީހާ އެހާ ދިގެއް ނޫނެވެ. އެކަމަކު އެމީހާ އަރައިގެން ހުރި ބޫޓުން އޭނާ މާދިގުހެން ހީވިއެވެ. އެމީހާގެ ކުލަވަރު އަހަންނަށް އެނގޭ ވަރެއް ނޫނެވެ. އަހަރެން ބަދިގޭގެ ކަނަކަށް ދެވޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު އެމީހާ އަހަރެންގެ އަތުގައި ހިފައިފިއެވެ. ކުޑައިރުކޮޅެއްގެ ފަހުން އަހަންނަށް ހުރެވުނީ ފާރުގައި ލެނގިލައިގެންނެވެ. އެމީހާގެ މުޅި ހަށިގަނޑުގެ ބާރުވަނީ އަހަންނަށް ދޫކޮށްލެވިފައެވެ.

އެމީހާ ވާހަކަ ދައްކަން ފެށިއެވެ. ހީވަނީ އެމީހާ ގައިގައި އޮތީ ދާވެފައިވާ ހެދުމެއް ހެންނެވެ. ” ކުޑަ”ޕާޓީ “އެއް ބާއްވަންވާނެ ނޫންހެއްޔެވެ؟ ކަލޭ ދުވަހަކުވެސް ރޭޕް ޕާޓީ” އަކަށް ދިޔައިން ހެއްޔެވެ؟ ރޭޕް… ޕާޓީ ….. ހާދަ މަޖާޕާޓީއެކެވެ. ”

އެމީހާ އެއަށްވުރެވެސް ގާތަށް އަހަރެން ދަމައިގެންފިއެވެ.

ކުއްލިއަކަށް އަހަރެން ގެނައި ހަރަކާތެއްގެ ސަބަބުން އޭނާގެ އަތް އަހަރެންނާއި ވަކިވެއްޖެއެވެ. އަހަންނަށް އެކަން ކުރެވިދާނެއެވެ. ޚިޔާލުކޮށްލެވުނެވެ. އަހަރެން ދުއްވައިގެންފިނަމަ ރައްކާވެވިދާނެއެވެ. އެކަމަކު ހަމަ އެވަގުތު އަހަރެންގެ ކުޑަދަރިފުޅުގެ މަތިން ހަނދާންވިއެވެ. އަހަންނަށް އެކުޑަދަރިފުޅު މި ނުލަފާމީހާގެ އަތްމައްޗަކަށް ދޫކޮށްލެވޭނީ ކިހިނަކުން ހެއްޔެވެ؟

ދެން އަނެއްކާވެސް ބަދިގޭގެ ކަނާއި ދިމާލަށް ޖެހިލެވުނެވެ. އޭނާ އަހަރެންގެ ގައިގާ ހިފައިފިއެވެ. އޭނާގެ އަތުގެ ބާރުން ފާރުގައި އަހަރެން ލައްގާލައިފިއެވެ. އަހަރެންގެ ދެކޮނޑުވަނީީ ފާރުގައި ޖައްސާފައެވެ. އަހަރެންގެ ހަށިގަނޑަށް އޭނާގެ ބާރު ދޫކޮށްލުމުގެ ކުރިން އަހަރެންގެ ހެދުން ކޮނޑުން ފެށިގެން ވީދާލައިފިއެވެ. އަދި ބްލައުޒްގައި ހިފާ ކުއްލިއެއް ޖަހައިފިއެވެ.

އަހަރެން މަރުވާން އުޅުނުހެން ހީވިއެވެ. އޭނާގެ ދިގުވެފައިވާ ތުނބުޅިވަނީ އަހަރެންގެ މޫނު އެހެންތަނެއް ބެލުމުގެ ހުއްދަ ނުދީފައެވެ. ދެން…….. އެވަގުތުކޮޅު ހިނގައްޖެއެވެ. އެމީހާވެސް ހިނގައްޖެއެވެ.

ހީވީ މީހަކު އަހަރެން ހިޕްނޮަަަަަަަަަަަަަަަަަަަަޓައިޒް ކުރީހެންނެވެ. އަހަރެން ކުއްލިއަކަށް ގައިގާ އޮތް ހެދުން ނަގާ އެއްލާލައިފީމެވެ. އަހަރެންގެ ދަރިފުޅު އޭރުވެސް އިނީ ހަމަ އެއިން ގޮތަށެވެ. އަހަރެންގެ މުޅި ހަށިގަނޑުން ނުބައިވަސްދުވާހެން ހީވަން ފަށައިފިއެވެ. އަހަރެން ފާޚާނާއަށް ވަދެއްޖައީމެވެ. ފެންވަރަން ބޭނުން ނުވިކަމުގައި ވިޔަސް އަހަންނަށް ފެންވަރަން ޖެހުނީއެވެ. އަހަރެން ހަށިގަނޑުގެ އެތައް މިތަނަށް ބަލާލީމެވެ. ހަށިގަނޑުގެ އެކި ހިސާބުގައި އަހަރެންގެ އަބުރުނަގާލި މުޑުދާރުމީހާގެ ސަބަބުން ޖަހާފައިވާ ލައްތައް ފެންނަން ހުއްޓެވެ……

ފެންވަރައިފީމެވެ. އަދި އެއްވެސް ހެދުމެއް ބޭނުންނުކޮށް ހުސްގަޔާ ގޭތެރެއަށް ވަދެއްޖައީމެވެ. އެ ހެދުންގަނޑު އޮތްތަނުން ނެގުމަށްފަހު ފާޚާނާގައި ހުރެގެން އަންދާލީއެވެ. އެއަށްފަހު ފުލުހުންނަށް ފޯން ކުރީއެވެ.

*

މަޑުމަޑުން ފްރޭންކް އަހަންނާ ކައިރި ވިއެވެ. “ނާންސީ …. ކިހިނެއްވީ ހެއްޔެވެ؟ “އަހަންނަށް ރޮވެން ފެށިއެވެ. އަހަރެންގެ މޫނު އޭނާގެ މޭ މަތީގައި ފޮރުވުމަށް ފަހު ގިސްލަގިސްލާފައި ރުއީއެވެ.

” ކޮންމެވެސް މީހަކު ބަދިގެއަށް އައިސް …….ހައިވާނީ ސޫރައެކެވެ.  ހައިވާނީ …..އޭނާ . ” އަހަންްނަކަށް ނުބުނެވުނެވެ.

“ކަލޭގެ އިއްފަތް ފޭރިގަތީ ހެއްޔެވެ؟ ”  އާއެކޭ ބުނުމުގެ ގޮތުން އަހަންނަށް ބޯ ހޫރާލެވުނެވެ. ފްރޭންކްގެ އަތް މަޑުމަޑުން އަހަރެންގެ ގައިން ދޫކޮށްލިއެވެ. ވޭނީ އަސަރެއް އޭނާގެ މޫނުމަތިން ފެންނަން ފެށިއެވެ. އޭނާ ފެންނަނީ އެންމެ ފަހުގެ އުއްމީދު ވެސް ދާވަނިން ދޫވެފައިވާ މީހެއްގެ ގޮތުގައެވެ.

އަހަރެން އަނެއްކާވެސް އޭނާގެ ގައިގާ ހިފެހެއްޓީމެވެ. އެކަމަކު މިފަހަރު ފްރޭންކްގެ އަތުގައި އެއްވެސް ބާރެއް ނެތްކަހަލައެވެ.

“އޭނާއައީ ކިހިނަކުން ހެއްޔެވެ؟ އޭނާ ކަލޭ ރޭޕްކުރީ ކަލެއަށް އެނގިގެން ހެއްޔެވެ؟ ”

“ރަނގަޅު…. ނޫން …އޭނާ …” އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް ރަނގަބީލު ވެއްޖެއެވެ.

“ކަލޭ ފުލުހުންނަށް އެންގީހެއްޔެވެ؟ ”

އަހަރެން އާއެކޭ ބުނީމެވެ.

“އޯވ. ނާންސީ! އަހަރެމެން މުޅި ދުނިޔެއަށް މިކަން ފާޅުކުރަންވީހެއްޔެވެ؟” އަހަރެން ފްރޭންކަށް ވަކި ޖަވާބެއް ނުދެވުނަސް ކުރިއަށްގޮސް ދޮރު ހުޅުވީމެވެ.

“މެޑަމް …… ތިޔައީ މިސިޒް މޮރޮވް ހެއްޔެވެ؟ ” ވަކި ޖަވާބެއް ނުދީ އަހަރެން އެމީހުން އެތެރެއަށް ވެއްދީމެވެ.

“މިސިޒް މޮރޮވް ! މިހާރު . ” ފުލުހުންގެ އޮފިސަރު ވާހަކަ ދައްކަން ފެށިއެވެ. “ހަމަ އެކަނި ވީގޮތެއް ބުނާށެވެ!”

އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ.  ކޮޓަރީގެ އެއްކަނުގައި އިސްޖަހައިގެން އިން ފްރޭންކްގެ ތަސްވީރަށް އިރުއިރުކޮޅާ ބަލާލެވެއެވެ.

އަހަރެން ވާހަކަ ކިޔާދިނުމުން އޮފިސަރު ސުވާލުކުރިއެވެ. ” ކަލޭ ދެން ކުރީ ކީއް ހެއްޔެވެ؟ ”

“ކޮންމާނައެއްގައިތޯއެވެ؟ ” އެސުވާލުގެ މަގްސަދު އަހަންނަކަށް ނޭގުނެވެ.

“އަހަރެން މިބުނީ ކަލާ ފެންވެރުއްވިންތޯއެވެ؟ ” އޮފިސަރު ތަފްސީލު ކޮށްދިނެވެ.

” އާއެކެވެ. އެކަމަކު ކަލާއަށް އެނގިލެއްވީ ކިހިނަކުން ތޯއެވެ؟

” ހުރިހާ އެންމެން ވެސް މިކަން މިގޮތަށް ކުރާތީއެވެ. “ހުރިހާ އެންމެން” މި ލަފްޒުގެ ސަބަބުން ކުޑަ ހައިރާންކަމެއް އަހަންނަށް ލިބުނެވެ.

“ވަރަށް ދެރައެވެ. ފެންވެރުމުގެ ސަބަބުން ފިޒިކަލީގޮތުން ލިބެން ހުންނަ ހެތްކެއް ނުލިބޭނެއެވެ. ” އޮފިސަރު އަނެއްކާވެސް ތަންކޮޅެއް އިތުރު ކުރިއެވެ. ” އޭނާ ކަލާގެ ހެދުން ވީދާލި ހެއްޔެވެ؟ ”

އަހަރެން އާއެކޭ ބުނީމެވެ.

” ރަނގަޅެވެ. ކޮންމެވެސް ވަރެއްގެ ހެތްކެއް ލިބުނީއެވެ. އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ ތަހްލީލެއް…..”

” ނޫނެކެވެ. އަހަރެން އެއްޗެތި އަންދާލައިފީމެވެ. ”

މާޔޫސްވެފައިވާ އޮފިސަރު އިތުރު ސުވާލެއް ކުރުމުގެ ކުރިން ފްރޭންކްގެ އަޑު އިވުނެވެ. “އަހަރެމެންނަށް މިކަން ހުއްޓާލެވިދާނެ ހެއްޔެވެ؟….މިސާލަކަށް މި ކޭސް އަނބުރާ ގެނެވިދާނެ ހެއްޔެވެ؟  ” ފްރޭންކްގެ ވާހަކަ އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ.

ފުލުހުން ހިނގައްޖެއެވެ. ފްރޭންކް ސީދާ އަހަރެންގެ ލޮލަށް ބަލާލުމަށް ފަހު ބުންޏެވެ. “އަހަންނަށް ހީވަނީ އެދަނޑިވަޅުގައި ކަލެއަށް ފިލޭނެ ހެންނެވެ. ”

“އަހަރެމެންގެ އެޑީ އޭނާގެ އަތްމައްޗަށް ދޫކޮށްލަންވީ ހެއްޔެވެ؟ ” އަހަރެން ހައިރާންވިއެވެ.

ކަމޯން ނާންސީ ! އެފާޑުގެ ވަހުޝީ މީހަކު ފިރިހެން ކުއްޖަކާ އެކު ކުރާނީ ކީއްހެއްޔެވެ؟ ”

ފްރޭންކަކީ މޮޔައެކޭ ބުނަން ހިތަށް އެރިއެވެ. އެކަމަކު އެއަށްވުރެ ކުރިން ފްރޭންކްގެ އަޑު އައެވެ.

” އަހަރެން މިބުނީ އެފާޑުގެ މީހަކު ވަކިން ކަލޭ ރޭޕްކުރީ ކީއްވެގެން ހެއްޔެވެ؟ …..ކޮންމެ ގެއަކުންވެސް އޭނާއަށް އެކަން ކުރެވިދާނެ ނޫންހެއްޔެވެ؟ ….ކަލެއާ އޭނާ ބައްދަލުވީ ކޮންތާކުން ހެއްޔެވެ؟

” އަހަންނަކާ އޭނާ ބައްދަލެއް ނުވެއެވެ. ތަރުކާރީ ވިއްކާ ފިހާރައަކަށް އަހަރެން ދިޔައީމެވެ.ފަހަރެއްގައި އެތަނުން އޭނާއަށް އަހަރެން ފެނުނީކަމަށް ވެދާނެއެވެ. ” ފްރޭންކް ބުނަން އުޅެނީ ކީކޭބާއެވެ؟

“ކަލޭލައިގެން ހުރީ ކޮން ހެދުމެއް ހެއްޔެވެ؟ ”

” ކިހިނެއްވީހެއްޔެވެ؟ ކަލޭ އުޅޭގޮތުން ހީވަނީ އަހަރެން އެކަންތައް ކުރީހެންނެވެ. ” ވަކި ޖަވާބެއްނުދީ އަނެއްކާވެސް ފްރޭންކް ބުންޏެވެ.

“އަހަރެން ދިޔައިރު ލައިގެންހުރި މުށިކުލައިގެ ހެދުން ހެއްޔެވެ؟ ” އަހަރެން އާއެކޭ ބުނީމެވެ.

“އެހެންވިއްޔާ…..” ފްރޭންކްގެ މި ޖުމްލައިން އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ.

“ފްރޭންކް މޮރޮވް! އަހަރެން ސްކާޓްލަނީ ހަމައެކަނި ކަލެއަށް ދައްކަން. ….އަދިވެސް އަހަރެން ލާނީ ހަމަ ސްކާޓް. ” އަހަންނަށް އަނެއްކާވެސް ރޮއިގަނެވިއްޖެއެވެ. ” އަހަރެން އެކަމެއް ނުކުރަމެވެ. އޭނާ ގަދަކަމުން އަހަރެންގެ އިއްޒަތް ލޫޓުވާލީއެވެ.

އެހިނދު އިނގިރޭސިބަހުން އޮންނަ ޖޯކެއްގެ މަތިން ހަނދާންވިއެވެ. “ރިލެކްސް އެންޑް އެންޖޯއި އިޓް ” މިއާއެއްގޮތަށް އަމަލުކުރަންވީ ބާވައެވެ!

ކުޑައިރުކޮޅެއްގެ ކުރިން އަހަރެން ހަދަން ފަށައި ނުނިމިވާ ކެއްކުން ނިންމުމަށްޓަކައި ބަދިގެއަށް ވަދެއްޖައީމެވެ. ކައްކައި ނިމުމަށްފަހު އަހަރެމެން ދެމީހުން ރޭގަނޑުގެ ކެއުމަށްފަހު ނިދުމަށް އަވަސްވެގަތީއެވެ. ދެމީހުން ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

ފްރޭންކް ނުނިދާކަން އަހަންނަށް ރަނގަޅަށް އެނގެއެވެ. އޭނާ އެގޮތަށް އޮވެ ދެފަރާތަށް ފުރޮޅެނީއެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ގެއްލިގެން އުޅޭ މީހެއްހެންނެވެ. ހަގީގަތުގައިވެސް އޭނާގެ ވަރަށް ބޮޑު އެއްޗެއް ވަނީ ގެއްލިފައެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ސްކޫލްގެ ކްލާސްތަކުގައި ސެކްސް އެޑިއުކޭޝަން ކިޔާ މާއްދާއެއް ނޯންނަނީ ކީއްވެބާއެވެ؟ އެއާއެކު ފްރޭންކަށް އަހަރެން ބުނެދޭހިތްވީ އިއްފަތް ފޭރިގެނެވިފައިވާ އަންހެނަކަށް އޭނާގެ ފިރިމީހާއަށް ވުރެ މާގިނަ ތަކެތި ގެއްލޭކަމުގައެވެ.

ޖެހިގެން އައި ދެތިން ދުވަހުވެސް އަހަރެމެން އެކަކު އަނެކަކާ ވާހަކައެއް ނުދައްކަމުއެވެ.

އަހަރެން ރޭޕްކުރެވުނުތާ ހަތަރުވަނައަށް ވީދުވަހު ފުލުސް އޮފިސަރު ފޯނު ކުރިއެވެ. ފުލުސް އޮފީހަށް ދިއުމުން އެއޮފިސަރު އަހރެންގެ އަތަށް ފޮޓޯއެއް ދިނުމާއެކު ސިއްސައިގެން ދިޔައެވެ.  “ކަލާ އެލްވަޑް މާކެޓަށް އެ ދުވަހު ދިޔައިން ހެއްޔެވެ؟ ” އޮފިސަރުގެ ސުވާލަށް އާއެކޭ ބުނީމެވެ.

މިމީހާ އަތުލައިގަނެވުނީ ރޭ ވައްކަން ކުރަން އުޅެނިކޮންނެވެ. އެކަމަކު މީނާ މިއީ މީގެ ކުރިން ދެފަހަރަކު ތިޔަ ގޮތަށް ވަދެ އަންހެނުންގެ އިއްފަތްތެރިކަން ފޭރިގެންފައިވާ މީހެކެވެ. ”

އަހަރެން އޮފިސަރާއެކު އެމީހާ ބަންދުކޮށްފައިވާ ތަނަށް ގޮސް އެއީ އެމީހާ ތޯ ގައިމުކުރަން ޖެހުނެވެ. އަހަންނަށް އޭނާ ނޭނގެންވީ އެއްވެސް ސަބަބެއް ނެތެވެ. ފުރަތަމަ ފެނުމާއެކުވެސް އަހަންނަށް އޭނާ ފާހަގަ ކުރެވުނެވެ.

އަނެއްދުވަހުގެ ނޫހުގައި މިކަމާބެހޭ ކުޑަ ރިޕޯޓެއް އޮތެވެ. އެއީ ޝަރިއަތުގެ ވާހަކައެވެ.އަހަރެންގެ ނަމެއް ނޫހަކު ނެތެވެ.

“އެއްފަހަރު ކޯޓަށް ހިނގައްޖެނަމަ އަބަދުވެސް ދާން ޖެހޭނެއެވެ. ” ފްރޭންކް ގެ ވާހަކައިގެ މަގްސަދ އަހަންނަކަށް ނޯޅެއެވެ.  “އެހެންނޫނަސް މުޅި ރަށުގެ އެންމެންނަށް އެނގޭނެއެވެ. ” އޭނާގެ އަސްލު މައުޟޫޢު ބުނެދިނެވެ.

” ކޮންތަފާތެއްބާ ! ” ރުޅިއައިސްގެން އަހަންނަށް ހުރެވެނީއެއް ނޫނެވެ. ….. ” އަހަންނަށް ލިބިފައިވާ އަނިޔާތަކަށް ކަލޭ ފަރުވާ ދޭން ބޭނުން ނުވޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން އޭނާ ޖަލަށް ފޮނުވޭތޯ ނުބަލަންވީ ކީއްވެގެންހެއްޔެވެ؟”

“ނޫނެކެވެ. ކަލޭ ކުރަން ޖެހޭނެއެވެ. އެކަމަކު މުޅި ރަށަށް މިވާހަކަ އެނގޭކަށް އަހަރެން ބޭނުމެއްނޫނެވެ…… ހަމައެކަނި އަހަރެންގެ މި މަސައްކަތަކީ ކަލޭ ސަލާމަތްކުރުމެވެ. ލިބޭ ހުތުރުނަމުން އަހަރެންގެ ދަރިފުޅު …….” ފްރޭންކް ހުއްޓާލިއެވެ.

*

އަހަރެންގެ އިއްފަތް ފޭރިގަތްމީހާ ޖަލަށްލެވުނުކަމުގައި ވިޔަސް އޭގެ ފަހުންވެސް އަހަރެން އުޅެމުން ގެންދަނީ ހަމައެހާމެ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ގެއިން ބޭރަށް ދަނީވެސް ކޮންމެހެން ދާން ޖެހުނީމައެވެ. ދޮރާށީގައި ރަނގަޅު ތަޅެއް ހަރުކުރުމަށްވެސް ފްރޭންކް ގާތު އަހަރެން ބުނެފީމެވެ. ބަގީޗާގައި މަސައްކަތެއްކުރިކަމުގައި ވިޔަސް އެކަމެއް ކުރަން އަހަރެން ފަށަނީ ހުރިހާ ދޮރުތަކެއް ތަޅުލުމަށްފަހުގައެވެ.

ދުވަސްތަކެއް މިގޮތުގައި ދިއުމަށްފަހު އަހަރެންގެ ބިރުފިލައި ދާންފަށައިފިއެވެ. ވަރަށް ކުރިއްސުރެ ޑޮކްޓަރަކާއި ކުރަން ވެފައި އޮތް ބައްދަލުވުމަކަށް އަހަރެން ތައްޔާރުވެއްޖައީމެވެ. ފްރޭންކް އާއެކު ދިއުމަށް އޭނާ އެދުނުކަމުގައިވިޔަސް ރޯމާދުވާލު ކަމަށް ބުނެ އަހަރެން  އެކަމާ ދެކޮޅުހެދީއެވެ.

ބަސް އޮތީ ފުރިފައެވެ. ދެތިން މީހެއްގެ ޖާގަ އަދިވެސް ލިބިދާނެއެވެ. މާދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކަށް ބަސް ހުއްޓާލުމުން އަހަރެންވެސް މަގުމައްޗަށް ނަޒަރު ހުއްޓާލައިފީމެވެ. އެވަގުތު އެތަނުން ފެންނަން ހުރި މީހަކާ މެދު އަހަރެން ކަންބޮޑުވިއެވެ. އެއީ މެކްސް ވިންޓަރއެވެ.ނުވަތަ އަހަރެންގެ އިއްފަތް ލޫޓުވާލި މީހާއެވެ. ޝަރީއަތް ނުފެށެނީސް ފުލުހުން އޭނާ ދޫކޮށްލީއެވެ. ދެން…. އަހަންނަށް ކުރެވުނީ އެއަށްވުރެ ނުބައި ޚިޔާލެކެވެ. އެއީ އަހަރެން ޖަލުން އެމީހަކު ކަން ގައިމުކުރި މީހާއެއް ނޫނެވެ. ހަގީގަތުގައި އަހަރެން ރޭޕްކުރި މީހަކީ މިއީއެވެ. އަހަންނަށް ކުރެވުނު ޝައްކުގެ ސަބަބުން މިހާރު ޖަލުގައި އޮތީ އަހަރެންގެ އިއްފަތް ލޫޓުވާލި މީހާއެއް ނޫނެވެ. އެކަމަކު މި ދެމީހުންނަކީ ދާދި އެއްވައްތަރުގެ ދެމީހުންނެވެ.

“އަހަންނަށް އެދުވަހު ގެއަށް އާދެވުނީ ކުރީގައި އަހަންނަށް ވެރިވެފައި ހުންނަ ކަންބޮޑުވުމާ އެކުގައެވެ.

” ފްރޭންކް! އަހަންނަށް ޝައްކުވެގެން ފުލުހުންނަށް އެންގުނީ އަހަރެން ރޭޕްކުރި މީހާއެއް ނޫން. ”

“އޯވް! ކަލެއަށް ޔަގީންތަ ؟ އެކަމަކު މިހާރު.” ވަރަށް މަޑުމަޑުން ފްރޭންކް ބުންޏެވެ. ” އެކަމަކު ތިޔަބުނާ މީހާ ދެން ހޯދާނީ ކިހިނަކުން ހެއްޔެވެ.”

” އަހަރެން ފުލުހަށް ދާން ޖެހޭނެއެވެ. ” އަހަރެންގެ ވާހަކައަށް ފްރޭންކް ދެކޮޅު ހެދިއެވެ.

“އެކަމަކު އެއްވެސް ކުށެއް ނެތް މީހަކު އަހަރެންގެ ސަބަބުން ޖަލުގައި ނުބޭއްވޭނެއެވެ. އަހަރެންގެ ފާފަވެރިޔާ އުޅޭތަންވެސް އަހަންނަށް އެނގެއެވެ. ”

“އޭނާގެ ފޯނުނަންބަރުވެސް ކަލެއަށް ދިނީހެއްޔެވެ؟ ” ފްރޭންކް މިހެން ބުނުމުން އަހަރެން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ.

” ފްރޭންކް….! ކަލޭ އަހަރެން ބަދުނާމް ކުރަނީއެވެ. ”

“އެހެންނަކުން ނޫނެވެ. ތިޔަ ބުނާ ދުވަހު ކަލޭ ދުވެގޮސް ފިލިނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ؟ ” ފްރޭންކްގެ އަޑުުގައި ހުރީ މަލާމާތުގެ ގޮތެކެވެ.

“އަހަންނަށް ރަނގަޅީ އޭނާ އަހަރެން މަރާލިނަމައެވެ. އެ ހާދިސާއަށްފަހުން އަހަރެންގެ ހަޔާތް މިވަނީ ބަރުބާދުވެފައެވެ. ” އަހަންނަކަށް އިތުރުވާހަކައެއް ނުދެއްކުނެވެ.

އަނެއްދުވަހު ތެދުވެ އެންމެ ފުރަތަމަވެސް އަހަރެން ދިޔައީ ފުލުހުންގެ އޮފީހަށެވެ. ހުރިހާ ވާހަކައެއް އެމީހުންނަށް އޮޅުން ފިލުވައި ދިނީމެވެ. އަސްލު ކުށްވެރިޔާ އަކީ އަހަރެން ޝައްކުކުރިމީހާގެ ކޮއްކޮއެކެވެ. އެހެންކަމުން އެމީހާ ހޯދައިގަތުމުގައި މާބޮޑު އުނދަގުލެއް އުފުލަން ނުޖެހޭނެކަމަށް ފުލުހުން ބުންޏެވެ. ހަގީގަތުގައިވެސް އެމީހާއަކީ އެކަހަލަ ފާހިޝް ކަންތައް ކުރަމުން ގެންދާ މީހެކެވެ.

އަހަރެންގެ އަސްލު ކުށްވެރިޔާ ހައްޔަރު ކުރެވުނުތާ ދެތިން ދުވަހެއްގެ ފަހެވެ. އަސްލު ކުށްވެރިޔާ ޖަލަށް ލެވުނުފަހުން އަހަރެމެން ދެމަފިރިންގެ ދިރިއުޅުންވެސް ހިސާބަކަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމާއެކު ހުސްރެއެއްގެ ވަގުތުތައް ގުނާލުމުގައި އެއްރެއަކު އަހަރެމެން ބައިސްކޯފަށް ދިޔައިމެވެ. އާދައިގެ ފިލްމަކަށެވެ. ފިލްމް ނިމިގެން އަހަރެމެން އައީ ހިނގާފައެވެ. ވަކި ހިސާބަކަށް އާދެވުނު އިރު ފަނަރަވަރަކަށް އަހަރުގެ ދެ ކުއްޖަކު އަހަރެމެންގެ ދެފަރާތުގައި ތިބެގެން ހިނގަމުން އާދެއެވެ. އެތަނުން އެއްކުއްޖަކު ގަޑިން ވީއިރެއް އޮޅުން ފިލުވުމަށް ފްރޭންކާއި ސުވާލުކޮށްފިއެވެ.

ދެންހުރި ކުއްޖާ ކުއްލިއަކަށް ފްރޭންކްގެ ފަރަގަހަށް ހިނގައްޖެއެވެ. އެކުއްޖާގެ އަތުގައި އޮތް ވަޅި ފްރޭނަކްގެ ބުރަކަށިގައި ޖައްސައިފިއެވެ.

” އަހަރެމެން ބޭނުމީ މި ގަޑި. ” އެކުއްޖާ ބުންޏެވެ.

” މިއީ އަހަރެންގެ ބައްޕަގެ ގަޑިއެކެވެ. ” އިއުތިރާޒް ކުރުމުގެ ގޮތުން ފްރޭންކް ބުންޏެވެ. އެކަމަކު އޭނާ މަޑުމަޑުން އަތްދިއްކޮށްލިއެވެ. ކުރިމަތީގައި ހުރި ކުއްޖާ ފްރޭންކްގެ އަތުގައިއޮތް ގަޑި ބޭލުވިއެވެ.

” ދެން މިހާރު ލާރި ދޭށެވެ. ” ގަދައަޑުން ފަހަތުގައި ހުރި ކުއްޖާ ބުންޏެވެ. އެއަށްވުރެވެސް ލަސްލަހުން އޭނާގެ ޖީބުގައިހުރި ފައިސާތައް ނަގާފައި ފްރޭންކް ދިއްކޮށްލިއެވެ. ފައިސާ އަތުލުމަށްފަހު އެދެކުދިން ހިނގައްޖެއެވެ.

ފްރޭންކް އަދިވެސް ހުރީ އެކުދިން އޭނާ މަޑުކުރުވިތަނުގައެވެ.

އަހަރެން ރޯން ފަށައިފީމެވެ. އަހަރެންގެ ފިރިމީހާގެ ގަޔަށް ކުޑަކުޑަ ދެކުދިން މިރޭ އެދިޔައީ އަރާފައެވެ. އެ ބިޔަ ހަށިގަނޑުގެ އެތައް ގުނަވަނަކާ ކުޅެލާފައެވެ. އެކަމަކު އޭނާއަށް އޭނާއަކީ ފިރިހެނެއްކަންވެސް އަންގައިނުލެވުނެވެ.

” އަހަންނަށް ……އެތާނގައި ހުރެވުނީ ….. ހަމަ ހުރެވުނީއެވެ. ” ގަބޫލުކުރަން ދަތި ރާގެއްގައި ފްރޭންކް ބުންޏެވެ.

“އަހަރެން އުފާ ކުރަމެވެ. އެކުދިން ކަލާ މަރާލީހެވެ. ” އަހަންނަށް ފިރިމީހާގެ ޖަޒުބާތު އިހުސާސް ކުރެވުނެވެ. ޚުދު އަހަންނަކީވެސް ވަގެއްގެ ޝިކާރައެކެވެ. އެކަމަކު އޭރު އަހަންނަށް ހަޅޭއްލަވައިވެސް ނުގަނެވުނެވެ.

” ފުލުހަށް ޚަބަރުދެމާ ހިނގާށެވެ. ”

” އަހަންނަކަށް ނުކެރޭނެއެވެ. ކުޑަކުޑަ ދެކުއްޖަކު އަހަންނަށް ހިތުހުރި ގޮތެއް ހަދާލާފައި ދިޔައިރު އަހަންނަށް ހަމަ ހުރެވުނީއެވެ. ބާރުގަދަ ފްރޭންކް…. މުސްކުޅި އަންހެނެއް. ”

އަހަރެން ގަދަކަމުން ކަހަލަ ގޮތަކަށް ފްރޭންކް ގޮވައިގެން އެރޭވެސް ފުލުހުންގެ އޮފީހަށް ދިޔައީމެވެ. ފްރޭންކް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރީ ވަރަށް ބާރަށެވެ. ގެއަށް އައުމާއެކު އޭނާގެއަތުން އަހަރެން ބޮނޑިކޮށްލިއެވެ.  އެއީ މީގެ އެތަކެއްދުވަހުއްސުރެން އޭނާ ނުކޮށްހުރި ކަމެކެވެ. ގަދަކަމުން މީހަކު އަހަރެންގެ އިއްފަތް ފޭރިގަތީއްސުރެން ފެށިގެންނެވެ.

” ކަލޭ ބުނީ ހަމަ ރަނގަޅަށެވެ. އަތުގައި ހަތިޔާރެއް އޮތިއްޔާ ބިރުގަންނާނެއެވެ.އޭގައި ކަލޭގެ ކުށެއް ނެތެވެ. އަހަރެންގެ އަތް ލޯބިވާ ފިރިމީހާގެ ކަރުގައި ވަށައިގެން އަޅުވާލީމެވެ.

މިއީ އަހަރެންގެ ހަޔާތުގެ އަނދިރިދުވަސް ތަކަކަށްފަހު އާދިރުމެއް ފެށުނު ހާދިސާއެވެ.

އެކުޑަކުޑަ ދެވަގުންނަށް އަހަރެން ޝުކުރުވެރިވާން ޖެހެއެވެ. އަހަރެންގެ ލޯބި އަހަންނަށް އަނބުރާ ލިބުނީ އެ ދެ ވަގުންގެ ސަބަބުން ކަމަށް ވާތީއެވެ. (ނިމުނީ.)

(ފެއަރީ އަހްމަދު ޒާހިރުގެ ތަރުޖަމާއެއް )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top