އުމުރުން 14 އަހަރުގެ ދިވެހި އަންހެން ކުއްޖަކު އަލަމާރިއެއްގެ ތެރޭގައި ފޮރުވާފައި އޮއްވާ ފެނިއްޖެއެވެ.
މިކަން ހިންގާފައިވަނީ މެދުރާއްޖެ ތެރޭގެ ރަށެއްގައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ އުމުރުން 20 އަހަރުގެ ނޭޕާލު ފިރިހެނަކަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އުމުރުން 14 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ކޮޓަރިއަށް ގެންގޮސް ބަދުއަހުލާގީ އަމަލު ހިންގާ ކަމަށެވެ.
މިއީ މި އަހަރުގެ އޭޕްރީލް މަހު ހިނގި ކަމެއަކަމަށްވިޔަސް އެ މައްސަލަ ބެލި ކޯޓުން އެ ހާދިސާގެ ރިޕޯޓް ހާމަކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.
މި މައްސަލައާއި ގުޅިގެން އެ ފިރިހެން މީހާ ހައްޔަރުކޮށް 30 ދުވަހުގެ ބަންދު މުއްދަތު ޖެހިއެވެ. ބަންދު މުއްދަތު ޖެހީ ހާދިސާ ހިނގި އަތޮޅުގެ ރަށުގެ މެޖިސްޓްރޭޓް ކޯޓުންނެވެ.
މި މައްސަލައިގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހާ ދިރިއުޅޭ ގެއަށް ފުލުހުން ގޮސް ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރިއަކުން 14 އަހަރުގެ އަންހެން ކުއްޖަކުވަނީ ފެނިފައެވެ.
ގާތްގަނޑަކަށް ފަސް ފަހަރު އެކުއްޖާ އެ ކޮޓަރިއަށް ގެނެސްފައިވާނެ ކަމަށް ބަންދު މަޖިލީހުގައި މި ނޭޕާލް މީހާވަނީ އިއުތިރާފުވެފައި ކަމަށް ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ. މި މައްސަލައިގައި ބަންދު މަޖިލީހުގައި ވަކީލަކު ބޭނުންނުވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ބަންދު ރިޕޯޓުގައި އެ ކުއްޖާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ ކުއްޖާވެސް ނޭޕާލް މީހާގެ ކޮޓަރިއަށްދާ ކަމަށް ބުނެފައިވެއެވެ. އަދި ދަންވަރުވެސް އެ ކޮޓަރިއަށްދާ ކަމަށް އެ ކުއްޖާއާ ހަވާލާދީ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ނޭޕާލް މީހާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވަނީ އޭނާ ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭތީއާއި، މުޖުތަމަކުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.






